ޚަބަރު

ވެންޓިލޭޓަރު މައްސަލައިގަ 2 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ހުށަހަޅައިފި


ކޯވިޑް-19ގެ އެންމެ ގޯސް ޙާލަތާ ދިމާކޮށް ރާއްޖެއިން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ހުށަހަޅައިފިއެވެ.

އެޓަރނި ޖެނެރަލްގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއެކު މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެގްޒެކިއުޓަރސްއިން ޚިލާފުވެފައިވާތީ އެމައްސަލަ ސަރުކާރުގެ ފަރާތުން މިމަހުގެ 16 ވަނަ ދުވަހު މޯލްޑިވްސް އިންޓަރނޭޝަނަލް އަރބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޯވިޑުގެ ފުރަތަމަ ރާޅާއެކު ބަލީގެ ޙާލަތު އަތްނުފޯރާ ފަށަށް ހިނގައިދާނެތީ، ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާއެކު އެއްބަސްވެ ވިޔަފާރީގެ މުޢާމަލާތްވަނީ ހިންގާފައެވެ. އަދި އެކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ފަރާތުން ދައްކާފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއީވެސް ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށް ވުމުން ދައުލަތުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ.

އަރބިޓްރޭޝަންގައި ދައުލަތުން އެދުނީ އެގްޒެކިއުޓަރސްއިން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި، ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32،574،750 (ބައްތިރީސް މިލިއަން ފަސް ލައްކަ ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ ފަންސާސް ) ދިވެހި ރުފިޔާއަށްވާ 2،112،500 ( ދެމިލިއަން އެއްލައްކަ ބާރަހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރު ހޯދުމަށެވެ. މީގެ އިތުރުން އިންޓްރެސްޓާއި އަރބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށްވެސް އެދިފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައެވެ.

މިމައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާ ކަމަށްވެސް އެޓަރނީ ޖެނެރަލްޖެ އޮފީހުން ހާމަކުރައްވައެވެ.

ވެންޓިލޭޓަރު މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކުރަން އޭސީސީން ވަނީ 2 ފަހަރެއްގެ މަތީން ޕީޖީ އޮފީހުގައި އެދިފައެވެ. ނަމަވެސް އޭސީސީން ދައުވާ ކުރަން ފޮނުވިއިރު، ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ އެކަންކަން ފުރިހަމަ ކުރުމަށް ޕީޖީ އޮފީހުން ވަނީ އޭސީސީއަށް ފޮނުވާފައެވެ. މި މައްސަލައިގެ ތަޙުޤީޤު ނިންމާ އެސީސީން ދައުވާކުރަން ފޮނުވީ އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑްކޮމެޓީގައި ހިމެނޭ ބައެއް މެމްބަރުންނާއި މިނިސްޓްރީގެ އިސް ބައެއް ވެރިންގެ މައްޗަށެވެ.
ނަމަވެސް މިމައްސަލާގައި ޕީޖީ އޮފީހުން ދައުވާ ކުރުމާއިމެދު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރ އަމީންއާއި އަދި އެހެން ބައެއް މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭސީސީއަށް ފޮނުވިއެވެ.

އޭގެ ފަހުން ވެންޓިލޭޓަރު ގެންނަން މަސައްކަތް ކުރިއިރު ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިންވަނަ ފަހަރަށް ޕީޖީ އޮފީހަށް ފޮނުއްވިއެވެ. އެ ތިން މީހުންނަކީ މިނިސްޓަރ އޮފް ހެލްތުގެ ނައިބުކަމުގައި ކުރިން ހުންނެވި، ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުޙައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަޤާމުގައި ކުރިން ހުރި، ތ. ކިނބިދޫ ބޯގަންވިލާ، އަޙްމަދު އަސްލަމްގެ އިތުރުން އެމިނިސްޓްރީގެ ލީގަލް އޮފިސަރގެ މަގާމުގައި ކުރިން ހުރި، ލ. ގަން، ފެއަރީގާރޑެން ޢަލީ ޝިހާމްގެ މައްޗަށެވެ.