ޚަބަރު

ސޮވެރިން ފަންޑުގެ ހުރިހާ ބާރެއް ރައީސްއާއި ފިނޭންސް މިނިސްޓަރަށް


ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފް ބެލެހެއްޓުމުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ފިނޭންސް މިނިސްޓަރަށް ލިބޭގޮތަށް މާލިއްޔަތު ޤާނޫނަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މީގެކުރިން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ބެލެހެއްޓުމުގެ ހުރިހާ ބާރެއް ޤާނޫނުން ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެކަންޏެވެ.

ދައުލަތުގެ މާލީއްޔަތު ޤާނޫނަށް އިސްލާހު ހުށައަޅާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒްއެވެ. އެ އިޞްލާހު ފާސްވީ 44 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އިޞްލާހުގައި ވާގޮތުން، ސޮވެރިން ފަންޑުގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ކަސްޓޯޑިއަން އެކައުންޓެއް ޤާއިމުކޮށް ބަލަހައްޓަންޖެހޭނެއެވެ. އެހެންނަމަވެސް، ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރުމާއި އެފަންޑުން ޚަރަދުކުރާނެ ގޮތް ނިންމާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއެވެ. މިއާއިއެކު ސޮވެރިން ފަންޑަކީ ދައުލަތުގެ މާލިއްޔަތު ޤާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަންޖެހޭ ފަންޑެއްގެ ގޮތުގައި ހަމަޖެހި، ސޮވެރިން ފަންޑުގެ ފައިސާ ބަލަހައްޓަން އެމްއެމްއޭގައި ވަކި އެކައުންޓެއް ހުޅުވަންޖެހޭކަމަށް މި އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ސޮވަރިން ފަންޑުން އިންވެސްޓް ކުރާނެ ގޮތްތައް ނިންމުމަށް 5 މެމްބަރުންގެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހެއެވެ. މީގެ އިތުރުން ސޮވެރިން ފަންޑުގެ އުސޫލުތައް މާލިއްޔަތު ޤަވާއިދުގައި ބަޔާންކުރަން ލާޒިމްކޮށްފައިވާއިރު، އެ ފަންޑުގެ އޮޑިޓްކޮށް ހިސާބުތައް ބެލެހެއްޓުންވެސް މި އިޞްލާހުން ލާޒިމްކޮށްފައިވެއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްކުރަން ސަރުކާރުން ނަގާ ލޯނުތަކުގެ ބުރަ ފަހުގެ ޖީލުތަކަށް އުފުލަން ނުޖެހޭނެހެން، ފަހަށް ފައިސާ ރައްކާކުރުމަށް އެކުލަވާލާފައިވާ ފަންޑެކެވެ.