ޚަބަރު

ވިއްސަކަށް އަހަރަށްފަހު ރީޖަނަލް އެއަރޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިންގ ފީއަށް ބަދަލުތަކެއް


އެތައް އަހަރުތަކެއް ވަންދެން ބަދަލު ނުގެނެސް ހުރި ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ގްރައުންޑް ހޭންޑްލިންގ ފީއަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ދަށުން ރާއްޖޭގެ 6 އެއަރޕޯޓެއް ދަނީ ހިންގަމުންނެވެ. ގްރައުންޑް ހޭންޑްލިން ފީ އަކީ އެއަރޕޯޓަށް ޖައްސާ ކޮންމެ ބޯޓަކުން ނަގާ ފީ އެކެވެ. އެ ފީ ނަގަނީ ބޯޓު ނައްޓާލާއިރުއާއި ޖައްސާއިރު އެ ދޭ ރޭމްޕް ހިދުމަތްތަކަށެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ގްރައުންޑް ހޭންޑްލިންގ ފީއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާއިރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ ވިދާޅުވީ މިހާރު ހުރި އަގުތަކަކީ މީގެ ވިއްސަކަށް އަހަރު ކުރިން ކަނޑައަޅައިފައި ހުރި އަގުތަކެއް ކަމަށެވެ. އަދި ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަގަށް ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށާއި، މި ފީއަށް ގެނެސްފައިވަނީ 10 އިންސައްތައިގެ ބޮޑުކުރުމެއްކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ.

"ފަނަރަ ވިހި އަހަރު ކުރިން ގެންގުޅުނު އަގުތައް މި ގެންގުޅުނީ، ދެން ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މި ބަދަލު މި ގެނައީ، ވަރަށް ކުޑަ ބަދަލެއް މި ގެނައީ، 10 ޕަސަންޓުގެ ޗޭންޖެއް މި ގެނައީ،" ރިޒްވީ ވިދާޅުވިއެވެ.

ގްރައުންޑް ހޭންޑްލިންގ ފީއަށް ބަދަލުގެނެސްފައިވާއިރު، ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ވިޔަފާރި އުސޫލުން ކަންތައްތައް ކުރުމަށް ވިސްނުންތަކެއް އެބަހުރިކަމަށް ރިޒްވީ މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ. ރިޒްވީ ވިދާޅުވެފައިވަނީ މިހާރު އެކުންފުނިން ހިންގާ އެއްވެސް އެއަރޕޯޓަކުން ފައިދާ ނުވާ ކަމަށާއި، ގިނަ އެއަރޕޯޓުތަކުގައި މުވައްޒަފުން ގިނަ ވުމަކީވެސް ޚަރަދު ބޮޑުވާ ކަމެއް ކަމަށެވެ.

އަތޮޅުތަކުގެ އެއަރޕޯޓްތައް ބެލެހެއްޓުމަށް ސަރުކާރުން ވަކި ކުންފުންޏެއް އުފައްދަވާ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އެގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން މިވަގުތު 6 އެއަރޕޯޓެއް ބެލެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ހޯރަފުށި އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، ފުނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް އަދި ފުވައްމުލައް އެއަރޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓެވެ.