ޚަބަރު

މަރްހޫމް އިބްރާހިމް ރިޒާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް


އަލްމަރުޙޫމް އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރުހޫމް އިބްރާހިމް ރިޒާއަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ވަރަށް ހެޔޮ އަޚުލާގެއްގެ ވެރިއެއްކަމަށެވެ. އަދި އެއީ ކޮންމެ ކަމެއްގައިވެސް މަޝްވަރާގެ ތެރެއިން ކަންކަން ކުރެއްވުމަށް ވަރަށްބޮޑަށް ބާރު އެޅުއްވި ބޭފުޅެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

19 ވަނަ މަޖިލީހުގައި ރިޒާ ކުރައްވާފައިވާ މަސައްކަތްތަކަށް ބައްލަވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީއާއި ބަޖެޓު ދިރާސާކުރާ ކޮމެޓީއާއި އެމްއެމްޕީއާރުސީ މައްސަލަ ދިރާސާކުރެއްވި ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީގައިވެސް މަސައްކަތް ކުރެއްވިކަމަށެވެ. އަދި ޖުޑިޝަރީ ކޮމެޓީގެ ޖޮއިންޓް ކޮމެޓީ އާއި ގަވާއިދު ކޮމެޓީގެ ޖޮއިންޓް ކޮމެޓީ އާއި އިންތިގާލީ އިންސާފުގެ ބިލު ދިރާސާކުރުމަށް އެކުލަވާލެވުނު ޖޮއިންޓް ކޮމެޓީގެ ސަބް ކޮމެޓީގައިވެސް ރިޒާ މަސައްކަތް ކުރައްވާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މަރުހޫމް ރިޒާގެ ތައުޒިޔާގެ ދަފްތަރު ހުޅުވާލާނީ މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަކަށެވެ. މަޖިލީހުގައި ސޮއިކުރުމުގެ ކަންކަން ހަމަޖެހިފައިވާ މިދަފްތަރުގައި އާންމުންނަށްވެސް ސޮއިކުރެވޭނެއެވެ. މިއަދުގެ ޖަލްސާ ފެށުމުގެކުރިން މަރުހޫމް އިބްރާހިމް ރިޒާ ހަނދާނުގައި ވަނީ ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެނެސްފައެވެ.

އިދިކޮޅު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް ތަމްސީލުކުރައްވަމުންް ގެންދެވި ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރެވެ. ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މެންބަރުކަން ކުރައްވާފައެވެ. ރިޒާ ގެންދެވީ މަޖިލީހުގެ ޖުޑިޝަރީއާއި، މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުންނެވެ.

ޤާނޫނީ ވަކީލުކަންވެސް ކުރައްވަމުން ގެންދެވި ރިޒާ ވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގައި އެމަޖިލީހުން ޖޭއެސްސީއަށްް ކަނޑައެޅުއްްވި މެމްބަރުގެ ގޮތުގައި އެ ކޮމިޝަންގައިވެސްް މަސައްކަތް ކުރައްވާފައެވެ. އަދި ޖޭއެސްްސީގެ ނައިބު ރައީސްގެ މަޤާމުވެސް ރިޒާވަނީ ފުރުއްވާފައެވެ.