ޚަބަރު

ސްޓެމް މާއްދާތަކަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް އުރީދޫން ފެއަރއެއް


ސްޓެމް މާއްދާތަކަށް ސްކޫލް ކުދިންގެ މެދެގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އުރީދޫ މޯލްޑިވްސްއިން އުރީދޫ ސްޓެމް ފެއަރއެއް ބާއްވަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ކުރިއަށްގެންދާ މި ފެއަރގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ފަދަ ތަފާތު ސްޓެމް ދާއިރާތަކުން ދަރިވަރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މާރޗް އިން 3 މާރޗް 2023 ގެ ނިޔަލަށް އިއްޒުއްދީން ސްކޫލް ހޯލުގައެވެ.

އުރީދޫއިން ބުނީ ސްޓެމް ފެއާގެ މަގްސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވައި ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބުގެ ބޭނުން ކުރިއެރުވުމަށް މަގުފަހިކުރުން ކަމަށެވެ. މި ފެއަރވެގެންދާނީ ސްޓެމް މާއްދާތައް ތަޖުރިބާކޮށް، އިންޑަސްޓްރީގެ ފަންނުވެރިންގެ ކިބައިން ޢިބްރަތް ޙާޞިލުކޮށް، ސްކޫލްކުދިންގެ އުފެއްދުންތެރިކަމާއި، އީޖާދީ ވިސްނުމާއި ފަންނީ ހުނަރު ދައްކާލުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެ ތަޢުލީމީ އަދި ހިތްވަރު ލިބޭ ތަޖުރިބާއެއްގެގޮތުގައި އުރީދޫއިން ދެކެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ރާއްޖޭގެ ޒުވާނުންގެ މެދުގައި ސްޓެމް މާއްދާތަކުގެ ތައުލީމު ކުރިއެރުވުމަކީ މުހިންމުކަމެއް ކަމަށެވެ.

"އުރީދޫ ސްޓެމް ފެއަރއަކީ ދަރިވަރުންގެ ހުނަރާއި ވިސްނުން ދައްކާލައި، ޢިބްރަތް ޙާޞިލުކޮށް، އެކުދިންގެ ވަށައިގެން ހިނގަމުންދާ އީޖާދުތަކުން ހިތްވަރު ލިބުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް. ސްޓެމް ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން ދެނެގަނެ، އެކުދިންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ސްޓެމް ފެއަރއަކީ ބައިވެރިވާ ހުރިހާ ދަރިވަރުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މަޖާ، އިބުރަތްތެރި އަދި ތަޢުލީމީ ހަރަކާތަކަށް ވެގެންދާނެ ކަމަށާއި، މި ފެއަރ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށް އުރީދޫން ބުނެއެވެ.