ދުނިޔޭގެ ވިޔަފާރި

ކްރިޕްޓޯކަރަންސީ ރެގިއުލޭޓްކުރުމަށް އިންޑިއާގެ ހުށަހެޅުމަށް ތާއީދު


މި މަހުގެ 23 އިން 25 އަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށް ދިޔަ ޖީ20 ބައްދަލުވުމުގައި ކްރިޕްޓޯކަރަންސީސް ނުވަތަ ޑިޖިޓަލްކޮށް ބޭނުންކުރާ ފައިސާ ރެގިއުލޭޓް ކުރުމަށް އިންޑިއާއިން ހުށަހެޅި ހުށަހެޅުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އާއި އެމެރިކާގެ ތާއީދު ލިބިފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބިޓްކޮއިން ފަދަ ކްރިޕްޓޯކަރަންސީތަކުން ކުރިމަތިވާ މައްސަލަތަކާއި ކުރިމަތިލުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރަން ބޭނުންވާކަމަށް އިންޑިއާއިން ބުނެފައިވާއިރު، އެ ގައުމުގެ މާލީ ވުޒާރާއިން ބުނީ ޖީ20 ގެ މެމްބަރު ގައުމުތަކަށް އާންމު އޮނިގަނޑެއް އެކުލަވާލާނެ ގޮތަކާއި ބެހޭ ގޮތުން ސެމިނާއެއް ބާއްވާފައިވާކަމަށެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ރޮއިޓާސް ނޫހާއި ވާހަކަ ދައްކަވަމުން އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވީ ހަރުދަނާ ރެގިއުލޭޓަރީ އޮނިގަނޑެއް ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް ކްރިޕްޓޯކަރަންސީ ސީދާ މަނާކުރަން ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެހެން ގައުމުތަކާއިއެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އިންޑިއާގެ މާލީ ވަޒީރު ނިރްމާލާ ސިތަރަމަންއާ އެކު ބޭއްވި ބައްދަލުވުމެއްގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވަނީ ކްރިޕްޓޯ މަނާކުރުމަކީ އިހްތިޔާރީ ކަމަށް ވާންޖެހޭނެކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ކްރިޕްޓޯކަރަންސީ ރެގިއުލޭޓް ކުރުމަށް ނުވަތަ މަނާ ކުރުމަށް ގާނޫނެއް ޑްރާފްޓް ކުރުމަށް އެތައް އަހަރެއް ވަންދެން ބަހުސް ކުރި ނަމަވެސް އެކަން ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ. ކްރިޕްޓޯކަރަންސީއަކީ ޕޮންޒީ ސްކީމަކާ އެއްގޮތް އެއްޗަކަށް ވާތީ މަނާކުރަން ޖެހޭ ކަމަށް އިންޑިއާގެ ރިޒާވް ބޭންކުން ވަނީ ބުނެފައެވެ.