ދުނިޔޭގެ ވިޔަފާރި

އެމެރިކާއަށް އެތެރެކުރާ ރަޝިއާގެ އެލްމިނިއަމްއިން %200 ޓެރިފް ނަގަނީ


ރަޝިޔާގައި އުފައްދާ އެލްމިނިއަމްއާއި ޑެރިވޭޓިވްސްއިން މާޗް 10 ވަނަ ދުވަހުން ފެށިގެން %200 ޓެރިފް ނަގާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

މީގެއިތުރުން އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރަޝިޔާގައި އުފައްދާ ޕްރައިމަރީ އެލްމިނިއަމްގެ އެލްމިނިއަމް އިމްޕޯޓް ކުރުމުންވެސް %200 ޓެރިފް ނަގަން އެމެރިކާއިން ވަނީ ނިންމާފައެވެ.

ރަޝިޔާގެ އެލްމިނިއަމް އުފައްދަނީ ދުނިޔޭގެ އެލްމިނިއަމް ސަޕްލައިގެ ގާތްގަނޑަކަށް %6 ހިއްސާކުރާ ރޫސަލް ކުންފުނިންނެވެ.

އެމެރިކާއިން ޓޭރިފް ނަގަން ނިންމުމުން، އެލްމިނިއަމް އުފައްދާ އެމެރިކާގެ ކުންފުނި އަލްކޯއިން އެކަމަށް މަރުހަބާ ކިޔާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިކަންކަމަށް ސަޕޯޓު ކުރާނެ ކަމަށާއި މިއީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއަށް އެޅޭނެ އެންމެ ރަގަޅު ފިޔަވަޅު ކަމަށްވެސް އަލްކޯއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ގުޅިގެން ރަޝިޔާގެ ބައެއް ކޯޕަރޭޝަންތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް ރަޝިޔާގެ މެޓަލްވެސް އަދި އެ އުފައްދާ ވިޔަފާރިތަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ނަމަވެސް ރުސަލް އާއި ދެކޮޅަށް 2018 ވަނަ އަހަރު އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެގޮތުން އެ ކުންފުނީގެ އެކްސްޕޯޓުގެ ބޮޑު ބައެއް ފްރީޒްކުރުމުގެ ސަބަބުން ސަޕްލައި ޗެއިންއަށް ވަނީ ބުރޫއަރާފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލަންޑަން މެޓަލް އެކްސްޗޭންޖުގައި އެލްމިނިއަމްގެ އަގު އުފުލުނު ނަމަވެސް ރަޝިއާގެ މެޓަލް ހިއްސާކުރަނީ އެމެރިކާއިން އެތެރެކުރާ އެލްމިނިއަމްގެ ކުޑަ ނިސްބަތެއްކަމަށް ވާތީ ޓޭރިފްގެ މައްސަލަ މާބޮޑަކަށް ފެންމައްޗެއް ނުވެއެވެ.

ދަތުރުފަތުރާއި ޕެކޭޖިން އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީތަކަށް މުހިންމު މައުދަނެއް ކަމަށްވާ އެލްމިނިއަމްގެ އަގު ހުކުރު ދުވަހު ވަނީ %2 އަށް ދަށްވެ ޓަނެއް 8،727 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ.

ޓްރޭޑް ޑޭޓާ މޮނިޓަރގެ ހިސާބުތަކުން ހާމަވާ ގޮތުގައި ރަޝިޔާއިން އެމެރިކާއަށް އިމްޕޯޓްކުރި އަންވޯޑް އެލްމިނިއަމް އާއި އެލޮއިސް ވަނީ 191،809 ޓަނަށް އަރާފައިވެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެލްމިނިއަމް އިން ނަގާ %200 ޓެރިފްގެ ބަދަލު ހިފުމަށް ބޭނުންނަމަ ރަޝިޔާއިން އެމެރިކާއަށް އެކްސްޕޯޓުކުރާ ނިކަލް ނުވަތަ ޕެލަޑިއަމް އެކްސްޕޯޓު ކުރުން މަދުކުރެވިދާނެއެވެ.

ޑޭޓާ ޓްރޭޑް ޑޭޓާ މޮނިޓަރ،ޓީޑީއެމް އިން ދައްކާ ގޮތުގައި މިދިޔަ އަހަރު އެމެރިކާއިން އެތެރެކުރި 92624 ޓަނުގެ ނިކަލްގެ ގާތްގަނޑަކަށް %11 އެކްސްޕޯޓުކުރީ ރަޝިއާއިންނެވެ. އަދި ރަޝިޔާގެ ޕެލަޑިއަމް ޝިޕްމަންޓްގެ ގާތްގަނޑަކަށް %35 އަކީ އެމެރިކާއިން އިމްޕޯޓު ކުރި މިންވަރު ކަމަށްވެސް ޓީޑީއެމްގެ ހިސާބުތަކުން ދައްކައެވެ.

އެއަރޮސްޕޭސް އިންޑަސްޓްރީއާއި އިލެކްޓްރިކް ވެހިކަލް ބެޓެރީތަކަށް ނިކަލް އަކީ ވަރަށް މުހިންމު އެއްޗެކެވެ. ޕެލަޑިއަމްއަކީ ގޭހުންނާއި ތެލުން ދުއްވާ ކާރުތަކުގައި އޮޓޯކެޓަލައިސްޓް އުފެއްދުމަށް މުހިއްމު މާއްދާއެކެވެ.