ޚަބަރު

ހަނގާކުރުމުން ދަރިވަރުން ރައްކާތެރިކުރުމަށް ޚާއްސަ ހަރަކާތެއް ފަށައިފި


ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރިކަން ލިބިގެންވާ، އުނގެނުމަށް ފަހި ތަނަކަށް ހެދުމަށްޓަކައި ހަނގާ ކުރުމުން ރައްކާތެރިކުރުމަށް ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތަކީ ދަރިވަރުން އިސްނަގައިގެން ހިންގާ "ސްމައިލް އޮން" ކެމްޕެއިންގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1 މަސްދުވަހުގެ މުއްދަތަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައެވެ.

މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްރާގެ ނައިބް ފައިޞަލް ނަޞީމްއެވެ.

ހަނގާ ކުރުމުން ރައްކާތެރިކުރުމަށް ހިންގާ މިހަރާކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ޝިއާރަކަށް ބަހާލައިގެންނެވެ. އެއީ އޯގާތެރިކަން، އިހްތިރާމްކުރުން، ތަފާތުތައް ބަލައިގަތުން އަދި ރެސްޕޮންސިވްނަސްއެވެ. މި ޝިއާރުތަކުގެ ދަށުން ހިންގާ ހަރަކާތްތައް ފަރުމާކޮށްފައިވަނީ އެކި ކީ ސްޓޭޖްތަކުގެ ދަރިވަރުންގެ އުމުރުފުރާއާ ގުޅޭގޮތަށެވެ.

މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވީ ވޭތުވެ ދިޔަ ތަނުގައި ދަރިވަރުންގެ ފުރިހަމަ ހެދިބޮޑުވުމަށް މަގުފަހިވާނެ އެތައްކަމެއް ސްކޫލް ނިޒާމްގެ ތެރެއިން ތަންފީޒް ކުރަން ފަށާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި އުނގެނެވޭނީ ސްކޫލްތަކަކީ އުނގެނުމަށް ފަހި ތަނަކަށް ވެގެންކަމަށެވެ. އަދި އެއްވެސް ކުއްޖަކު ހަނގާގެ ޝިކާރައަކަށް ވުމުގެ ކުރިން އެކަން ހުއްޓުވުމަށްޓަކައި ތަޢުލީމީ ނިޒާމްގެ ތެރެއިން މަސައްކަތްތަކެއް ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަނގާ ކުރުމުން ރައްކާތެރިކުރުމަށް ހިންގާ 1 މަސްދުވަހުގެ މިހަރަކާތް ފަށާނީ ކޮންމެ ހަފްތާއަކުވެސް އެހަފްތާއަކަށް ކަނޑައަޅާފައިވާ ޝިޔާރާއި ގުޅުވައިގެން އެސެމްބްލީއަކުންނެވެ. މި އެސްބްލީ ކުރިއަށް ގެންދަނީ ހަފްތާގެ ފުރަތަމަ ދުވަހު އެސްކޫލެއްގެ މެނޭޖްމަންޓުންނެވެ. އަދި ހަފްތާ ނިމޭދުވަހު އެސެމްބްލީ ކުރިއަށް ގެންދާނީ ދަރިވަރުންނެވެ. މީގެ އިތުރަށް ހަފްތާއަކު ކަނޑައަޅާފައިވާ ޝިއާރާ ގުޅުވައިގެން ކޮންމެ ދުވަހަކުވެސް ސްކޫލްގައި ހުރިހާ ދަރިވަރުންނަށް ކޮންމެވެސް ހަރަކާތެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އަދި ދަރިވަރުންނަށް އިބުރަތްތައް ހާސިލްވާ ވާހަކަތައް ކިޔައިދިނުމާއި މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކޭސް ސްޓަޑީސް އަދި އެކަމާ ގުޅޭގޮތުން ޑިސްކަޝަން ކުރިއަށް ގެންދިޔުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް ކޮންމެ ހަފްތާއަކު ބެލެނިވެރިން އަދި މުދައްރިސުންނަށް މެސެޖެއް ފޮނުވަންޖެހެއެވެ. އެއީ އެ ހަފްތާގެ ޝިއާރާ އެއްގޮތަށް ފިލާވަޅުތައް ކުރިއަށް ގެންދިޔުމަށް އަދި ޝިއާރާ ގުޅުވައިގެން ގޭގައި ކަންކަން ކުރިއަށް ގެންދިޔުމަށް ޚާއްސަކޮށްގެންނެވެ.