ޚަބަރު

އަޒްލީނާގެ ޤާތިލު ޒުހައިރު މަރުވެފައި އޮތްވާ ފެނިއްޖެ


ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ތެރޭގައި އަޒްލީނާ ނަފީސް މަރާލި ޤާތިލް، ޢަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ކ.ދިއްފުށީ އަތިރި މަތީގައި ހުރި ޖޯއްޔެއްގައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ މިމައްސަލަ މިހާރު ފުލުހުން ތަޙުގީކުރުމަށް ޙަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި އޭނާ މަރުވިކަމުގެ މަޢުލޫމާތު ލިބުނީ މިއަދު މެންދުރު 1153 ހާއިރުގައިކަމަށް އޭނާ ވިދާޅުވިއެވެ. ފެނުނުއިރު އަނިޔާގެ ނިޝާނެއް ފެންނަން ނެތްކަމަށާއި އޭނާ މަރުވި ސަބަބެއް ނޭނގޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ދިއްފުށީ އުތުރު ފަރާތު ބީޗްގައި ހުރި ޖޯއްޔެއްގައި ޚަބަރު ހުސްވެފައިވަ އޮތް މީހެއް ފެނިގެން އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް މިއަދު މެންދުރު 12:20 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް، ސިއްޙީ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ ޢުމުރުން 48 އަހަރުގެ، ޢަބްދުﷲ ޒުހެއިރު ދިއްފުށީގައި ދިރިއުޅެމުން އައީ އެރަށު މީހަކާއި އިނދެގެންނެވެ.

ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ސެކެޓްރީގެ މަޤާމުގައި މަސައްކަތްކުރަމުންދިޔަ އަޒްލީނާ ނަފީސް މަރާލާފައިއޮތްވާ ފެނުނީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ. އަޒްލީނާގެ މަރުގެ މައްސަލަ ޒުހައިރުގެ މައްޗަށް ސާބިތުވެ ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ 2002 ވަނަ އަހަރުގައެވެ. ނަމަވެސް 11 އަހަރު ޙުކުމް ތަންފީޒުކުރުމަށްފަހު 2013 ވަނަ އަހަރު އޭނާވަނީ މިނިވަންވެފައެވެ.

އަޒްލީނާގެ މަރާލި ޙާދިސާއަކީ އެދުވަސްވަރު މުޅި ރާއްޖެއަށްވެސް ބޮޑު ސިހުމެއް ގެނުވި އަނިޔާވެރި މަރެކެވެ. އަޒްލީނާ މަރާލާފައި އޮތްވާ ފެނުނީ އޭނާ މަސައްކަތްކުރަމުންދިޔަ އޮފީހުގެ ފާޚާނާއެއްގެ ތެރޭގައެވެ.