އިންޑިއާގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ މަޝްރޫޢުތަކާއެކު ރާއްޖޭގެ އިޤްތިޞާދު ފުޅާވެ، ކުރިއަރައިގެންދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ އިނޯގްރަލް ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕެނަލް ޑިސްކަޝަންގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރު އާއި ބޫޓާންގެ ފިނޭންސް މިނިސްޓަރ ލިއޮންޕޯ ނަމްގޭ ބައިވެރިވެވަޑައިގެންނެވިއެވެ.
އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ އިނޯގްރަލް ސެޝަންގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، އިންޑިއާގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ މުސްތަޤްބަލުގައި އިޤްތިޞާދަށް ފައިދާކުރާނެ މަޝްރޫޢުތަކެއްކަމަށެވެ. އެގޮތުން، އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ތިލަމާލެ ކަނެކްޓިވިޓީ ބްރިޖްގެ އިތުރުން ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް މަޝްރޫއު މިނިސްޓަރ އަމީރު ވަނީ ފާހަގަކުރައްވާފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ. މިއީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެއަރޕޯޓެކެވެ. ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަނީ އިންޑިއާގެ ރެނާޓަސް ކުންފުނިންނެވެ. މިއީ އަހަރަކު 1.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެއަރޕޯޓެކެވެ.
ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓް މަޝްރޫއުއާއި ބެހޭގޮތުން ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މިމަޝްރުތަކާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ، ބޭރުގެ އިންވެސްޓަރުން އިންވެސްޓަމަންޓައް އިތުރުވާނެކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު 15 ބިލިއަން ޑޮލަރަށް އަރާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
"މިހާރު ރާއްޖޭގެ އިޤްތިޞާދަކީ 6 ބިލިއަން ޑޮލަރުގެ އިޤްތިޞާދެއް. މިމަޝްރޫއުތަކާއި 5 އަހަރު ނޫނީ 10 އަހަރުތެރޭގައި ރާއްޖޭގެ އިޤްތިޞާދު 15 ބިލިއަން ޑޮލަރަށް އަރާނެ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ އިނޯގްރަލް ސެޝަންގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ ވަނީ ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމުކަމަށްވުމުން އެއީ އިޤްތިޞާދީ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއްކަމަށް މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އަމީރު ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއިއެކު ރާއްޖޭގެ އިޤްތިޞާދު %33 އިންސައްތަ ދަށަށްދިޔަނަމަވެސް، އެކަމުން އަރައިގަނެފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ކޯވިޑްގައި ރާއްޖޭގެ އިޤްތިޞާދު މުޅިން ހުއްޓި، އިޤްތިޞާދު އެއްކޮށް މަޑުޖެހުނުނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިޞާދު ވަނީ 41.7 އިންސައްތައިން ކުރިއަރާފައިވެއެވެ. އަދި މި އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިން ކުރިއަރާނެކަމަށްވެސް ސަރުކާރުން ލަފާކުރައްވައެވެ.