ޚަބަރު

ދަރަންޏަށް ލުއި ދިނުމަށް ވެދެވެން އޮތް އެހީއެއް ވެދޭނަން: ވޯލްޑް ބެންކު


ހާލުގައި ޖެހިފައިވާ ގައުމުތަކުގެ ލޯނުތަކަށް ވީހާވެސް ބޮޑަކަށް ލުއި ދޭނެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މިހެން ބުނެފައިވަނީ އިންޑިއާގައި މިހާރު ކުރިއަށްދާ ޖީ20 ބައްދަލުވުމުގެ ތެރެއިން، އައިއެމްއެފް، އިންޑިއާ ޗައިނާ އަދި އެހެން ކްރެޑިޓަރުންނާއިއެކު ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ޖީ20 ގެ ބައްދަލުވުމާއި ގުޅިގެން ބޭއްވި ގްލޯބަލް ސޮވަރިން ޑެޓް ރައުންޑްޓޭބަލްގައި ވޯލްޑް ބޭންކުން ބުނީ އެ ބެންކު ޚާއްސަވެފައިވަނީ ރީސްޓްރަކްޗާރ ކުރުމުގެ މަރުހަލާގައި ލުއި ލިބޭ ގޮތަށް ނެޓް ޕޮޒިޓިވް ފްލޯ ފޯރުކޮށްދިނުމަށެވެ. އަދި ދަރަނީގެ މައްސަލަތައް ހައްލުކުރުމާއި ގުޅޭ ގޮތުން ޗައިނާގެ ޑެޕިއުޓީ ގަވަރުނަރަކު ދެއްކެވި ބިނާކުރަނި ވާހަކަތަކުން ދަރަނީގެ މައްސަލަތަކައިގެން ކުރިއަށް ދެވޭނެކަމުގެ އުންމީދު ލިބުނުކަމަށްވެސް ވޯލްޑް ބެންކުން ބުނެއެވެ.

ރޮއިޓާސް ނޫހުން މި މަހުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ސޮވަރިން ކްރެޑިޓަރު، ޗައިނާ ހިމެނޭ ގޮތަށް ލޯނު ދޫކުރާ ފަރާތްތަކުން ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ލޯނުތައް ލުއިކޮށްދިނުން އެދި ހުށަހެޅުމަށް އިންޑިއާއިން ވަނީ ޑްރާފްޓްކޮށްފައެވެ.

ގައުމުތަކުން ދަރަނި ދެއްކުމުގައި ދިމާވާ މައްސަލަތައް ތަފްސީލީ ގޮތެއްގައި ދިރާސާކޮށްދިނުމަށް ޗައިނާގެ މާލީ ވަޒީރު ލިއު ކުން ވަނީ ޖީ20 ގައުމުތަކުގައި އެދިފައެވެ. ލޯނުތަކަށް ލުއިދޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައި މިވަނީ ރަޝިއާ ޔުކްރެއިން ހަނގުރާމައާއި، ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދު ހީނަރުވެފައިވާ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލޯނުތަކަށް ލުއި ދިނުމަށް، ދުނިޔޭގެ އެންމެ ބޮޑު ބައިލެޓަރަލް ކްރެޑިޓަރ ޗައިނާއިން ލޯނު ދޫކުރާ ފަރާތްތަކަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އަނެއްކޮޅުން މަދުން އާމްދަނީ ލިބޭ އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަނި ލުއި ދިނުމުގައި ޗައިނާއިން "ދިގު ދަންމާ" ކަމަށް ބުނެ އެމެރިކާއިން އަންނަނީ ތަކުރާރުކޮށް ޗައިނާއަށް ފާޑުކިޔަމުންނެވެ.