ދުނިޔޭގެ ވިޔަފާރި

ގައުމުތަކުގެ ދަރަންޏާއި ބެހޭގޮތުން އެމެރިކާއާއި ޗައިނާއިން މަޝްވަރާ ކުރަނީ


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ޖީ20 ބައްދަލުވުމާއި ގުޅިގެން ގައުމުތަކުގެ ދަރަންޏާއި އެނޫންވެސް އިގްތިސާދީ އެހެން މައްސަލަތަކާއި ބެހޭގޮތުން އެމެރިކާއާއި ޗައިނާގެ އޮފިޝަލުންނާއި ދެމެދު މަޝްވަރާތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެމެރިކާއާއި ޗައިނާ އާއި ދެމެދު މުއާމަލާތް ކުރުމަކީ "މުޅި ދުނިޔެއަށް ފައިދާ" ވާނެ މުހިންމު ކަމެއް ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވަނީ ވިދާޅުވެފައެވެ.

މިކަމާއިގުޅޭ މައުލޫމާތު އެނގޭ މަސްދަރަކުން ބުނިގޮތުގައި ހުކުރު ދުވަހުގެ ބައްދަލުވުމުގައި ދަރަނި ހިމެނޭ ގޮތަށް މަލްޓިލޭޓަރަލް މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. އެމެރިކާގެ ޓްރެޜަރީން މިކަމާއި ގުޅިގެން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. ޗައިނާގެ މާލީ ވުޒާރާ އާއި އެގައުމުގެ މަރުކަޒީ ބޭންކުންވެސް މިކަމާއި ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ.

ސްރީލަންކާ ހިމެނޭ ގޮތަށް މެދުފަންތީގެ އާމްދަނީ ލިބޭ ދިހަވަރަކަށް ގައުމުގެ ދަރަންޏަށް ލުއި ދިނުމުގައި ޗައިނާއިން "ދިގު ދަންމާ" ކަމަށްބުނެ އެމެރިކާއިން ވަނީ ތަކުރާރުކޮށް ޗައިނާއަށް ފާޑުކިޔާފައެވެ.

ގައުމުތަކުން ދަރަނި ދެއްކުމުގައި ދިމާވާ މައްސަލަތައް ތަފްސީލީ ގޮތެއްގައި ދިރާސާކޮށްދިނުމަށް ދުނިޔޭގެ އެންމެ ބޮޑު ބައިލެޓަރަލް ކްރެޑިޓަރ، ޗައިނާއިން ވަނީ ޖީ20ގެ ގައުމުތަކުގައި އެދިފައެވެ.