ޚަބަރު

ރިޔާސީ އިންތިޚާބުގައި އެމްޑީއޭގެ ތާއީދު ރައީސް ޞާލިހަށް


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ކޯލިޝަން ހެދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނުނެރުމަށް ނިންމައި، އެމްޑީއޭއިން ވަނީ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި މަސައްކަތް ކުރުމަށް ނިންމާފައެވެ. މިއާއެކު އެޕާޓީން ވަނީ ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވަނީ އެމްޑީޕީއާއި ޕީޕީއެމްއާއެވެ. މަޝްވަރާތަކަށް ފަހު މިއަދު އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތަނަވަސް އަޣުލަބިއްޔަތުން ވަނީ ރައީސް ޞާލިހާއެކު ކުރިއަށްދާން ފާސްވެފައެވެ. ރައީސް ޞާލިހާއެކު ކުރިއަށްދާން ފާސްވީ ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ދެކޮޅަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.

އެމްޑީއޭއިން ހާމަކުރި ގޮތުގައި ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމްކުރުމަށްޓަކައި އެމްޑީއޭގެ ކައުންސިލް މީޓިން އިން މިއަދު ނިންމާފައިވަނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ކަމަށެވެ.

އެމްޑީއޭއިން، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއެކު ކުރިއަށްދާން ނިންމާފައިވާއިރު، އަދާލަތު ޕާޓީންވެސް ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ސިޔާމް ނިންމެވިއިރު، ދާދިފަހުން ސިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީން ވަނީ، ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެއްވާފައެވެ. އަދި ރައީސް ވަނީ ކޯލިޝަން ހެދުމުގެ ދަޢުވަތު ބައެއް ސިޔާސީ ޕާޓީތަކަށް ދެއްވާފައެވެ.

އެމްޑީއޭއަކީ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އިސްވެ ހުންނަވާ 2012 ވަނަ އަހަރު އުފައްދާފައިވާ ޕާޓީއެކެވެ.