ޚަބަރު

އެމްޓީޑީސީން ތަރައްޤީކުރާ 230 އެނދުގެ ރިސޯޓުގެ މަސައްކަތް މިއަހަރު ފަށަނީ


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ތަރައްޤީކުރާ 230 އެނދުގެ ރިސޯޓުގެ މަސައްކަތް މިއަހަރު ފަށަން ތައްޔާރުވެފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.

ތަޒްމީލް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މިކުންފުންޏަށް 15 އަހަރުފުރުމާއި ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވަނީ އެކުންފުނިން 230 އެނދުގެ ރިސޯޓެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

އެމްޓީޑީސީން ތަރައްޤީކުރަން ނިންމާފައިވާ 230 އެނދުގެ ރިސޯޓާއި ބެހޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްވަމުން ތަޒްމީލް ވިދާޅުވީ، މިރިސޯޓްގެ މަސައްކަތަކީ އެކުންފުނިން މިހާރު އެންމެ އިސްކަމެއްދީގެން ކުރާ މަސައްކަތްކަމަށެވެ. އެގޮތުން، މިހާރު ކުރިއަށްދަނީ، އެރަށް ތަރައްޤީކުރާނެ އަތޮޅެއް ކަނޑައެޅުމުގެ މަސައްކަތްކަމަށް ތަޒްމީލް ވިދާޅުވިއެވެ.

" އެކި ސަބަބަބުތަކާއި ހުރެ ތަރައްޤީނުކުރެވި ހުރި އެތައް ރަށެއް މެދު ރާއްޖެ ތެރޭގައި އެބަހުރި. އޭގެތެރެއިން އަޅުގަނޑުމެން ހެޑް ހަންޓްކޮށްގެން މިސަރައްހައްދުން އެމްޓީޑީސީން ތަރައްޤީކުރެވޭނެ ރަށްތަކުގެ އޯނަރުންނާއި މަޝްވަރާކުރަމުން މިދަނީ. އަޅުގަނޑުމެން މިހާރު ބަލަމުންދާ އަތޮޅުތަކުގެ ތެރޭގައި އދ. މ. ރ. އަދި މާލެ އަތޮޅުގެ ރަށްތައް ހިމެނޭ. " ތަޒްމީލް ވިދާޅުވިއެވެ.

ތަޒްމީލް ވިދާޅުވީ ވަރަށް އަވަހަށް ރަށެއް ފައިނަލް ކުރެވި، އެރިސޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އަދި ރަށްތައް ފައިނަލް ކުރުމުގައި ކޮންސެޕްޓްތައް ނިމިފައިވާ ރަށެއް ހޯދުމަށް އަހައްމިއްޔަތުކަންދޭ ކަމަށް ތަޒްމީލް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި 230 އެނދުގެ މިރިސޯޓް ތަރައްޤީކުރަނީ ރާއްޖޭގެ ޒަމާނީ މާހައުލަށް ފެތޭގޮތަށެވެ. އެގޮތުން، މި ރިސޯޓްގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ވިލަރއެއް ހިމެނޭނެކަމަށް ތަޒްމީލް ވިދާޅުވިއެވެ. އަދި މިރިސޯޓް ތަރައްީކުރެވޭނީ ސީޕްލޭންވެސް ޖެއްސޭ ގޮތަށްކަމަށް ތަޒްމީލް ފާހަގަކުރެއްވިއެވެ.

ތަޒްމީލް ވިދާޅުވީ މިރިސޯޓް ވެގެންދާނީ އެމްޓީޑީސީގެ އާމްދަނީ އިތުރުކުރަން ލިބޭ ފަހި ފުރުސަތަކަށް ކަމަށެވެ.

އެމްޓީޑީސީގެ އާމްދަނީ މައިގަނޑުގޮތެއްގައި ބިނާވަނީ ކުއްޔަށް ދީފައިވާ ދެރަށުން ލިބޭ އާމްދަނީއެވެ. އެއީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫއެވެ. އެގޮތުން، މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 1834361 (އެއް މިލިއަން އަށް ލައްކަ ތިރީސް ހަތަރު ހާސް ތިން ސަތޭކަ ފަސްދޮޅަސް އެއް) ޑޮލަރު ނުވަތަ 28.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 1815631 (އެއް މިލިއަން އަށް ލައްކަ ފަނަރަ ހާސް ހަ ސަތޭކަ ތިރީސް އެއް) ޑޮލަރު ނުވަތަ 28 މިލިއަން ރުފިޔާއެވެ.