ޚަބަރު

ހިޔާ ފްލެޓުގައި ޤަވާއިދާ ޚިލާފު މަސައްކަތްކުރާނަމަ ފިޔަވަޅު އަޅަނީ


ހިޔާ ފްލެޓުތަކުގައި ޤަވާއިދާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ގިނަ ޢަދަދެއްގެ މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ފަސާހައަށްޓަކައި އެޗްޑީސީން ވަނީ ގަވާއިދުތަކެއް އެކުލަވާލާ ޢާންމުކޮށްފައެވެ.

އެގޮތުން އެޗްޑީސީން ހާމަކުރައްވާގޮތުގައި ހިޔާ ފްލެޓުގެ އެއްވެސް ޢިމާރާތެއްގެ އޮނިގަނޑަށް ގެއްލުން ލިބޭނެގޮތަށް އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ. އެޗްޑީސީން ވިދާޅުވީ، އެތައް ފަހަރަކު އެ ކޯޕަރޭޝަނުން ކުރި އިންސްޕެކްޝަންތަކުން ޤަވާއިދާ ޚިލާފު ގިނަ ކަންތައްތަކެއް ކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން ބޭނުންކުރުމާއި، އެކި ވިޔަފާރިތަކަށް ޔުނިޓް ހެދުމާއި، އެޕާޓްމަންޓުގެ ބޭރުގައި ގިނަ ޢަދަދަކަށް ކުނި ބެހެއްޓުމާއި، ބެލްކަނިން ބޭރުގައި ގަސްގަހާގެހި ބެހެއްޓުމަށް ސްޓްރަކްޗާ ބަދަލުކުރުމުގެ ކަންކަންވެސް ފާހަގަކުރެވިފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ރައްޔިތުންގެ ފަސޭހަކަމާއި ސަލާމަތަށް އިސްކަން ދިނުމުގެ ގޮތުން މިފަދަ ހަރަކާތްތައް މަނާކޮށްފައިވާތީ، އެފަދަ މަނާ ކަންކަން ކުރާ އެޕާޓްމަންޓް ޔުނިޓްތަކަށް އަދަބުދީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެޗްޑީސީން ވަނީ ދެއްވާފައެވެ.

އެޗްޑީސީއިން ވިދާޅުވިީ އަމާޒަކީ ހުޅުމާލެއަކީ ރައްޔިތުންނަށް ފަސޭހަ އަދި ރައްކާތެރި މާހައުލެއް އޮންނަ ޖަޒީރާ ތަނަކަށް ހެދުންކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އެއްބާރުލުމަށް އެޗްޑީސީން ވަނީ އެދިވަޑައިގެންފައެވެ.