ދުނިޔޭގެ ވިޔަފާރި

ޖީ20 ގެ ބައްދަލުވުން އިންޑިއާގައި ފަށައިފި


ޖީ20ގެ ގެ ބައްދަލުވުން އިންޑިއާގެ ބެންގަލޫރުގައި ފަށައިފިއެވެ.

މި މަހުގެ 23އިން 25 ގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި މެމްބަރު ގައުމުތަކުގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުންތަކުގެ އިސްވެރިން ހުކުރު ދުވަހު މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރަޝިއާ ޔުކްރެއިންގެ ހަނގުރާމައިގެ މަޢުޟޫއަށް ވަރަށް ބޮޑަށް ވާހަކަދައްކާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިތާ ހުކުރު ދުވަހު އެއް އަހަރު ފުރޭނެއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުން ހީނަރުވެފައިވާ ގައުމުތަކުގެ ދަރަނި އަލުން އެކުލަވާލުން ހުއްޓުވުމާއި ބެހޭގޮތުންވެސް މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުތަކުގެ އިސްވެރިން މަޝްވަރާކުރައްވާނެއެވެ.

ރޮއިޓާސް ނޫހުން މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ސޮވަރިން ކްރެޑިޓަރު، ޗައިނާ ހިމެނޭ ގޮތަށް ލޯނު ދޫކުރާ ފަރާތްތަކުން ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ލޯނުތައް ލުއިކޮށްދިނުން އެދި ހުށަހެޅުމަށް އިންޑިއާއިން ވަނީ ޑްރާފްޓްކޮށްފައެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އާއި ޖަރުމަނުވިލާތުގެ މާލީ ވަޒީރު ކްރިސްޓިއަން ލިންޑްނަރ މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު، ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ދަރަނި ލުއި ދިނުމަށް ޗައިނާއަށް ޕްރެޝަރު ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޖީ20 ސަމިޓް ތެރެއިން ހާލުގައި ޖެހިފައިވާ ޤައުމުތަކުގެ ދަރަނި އަލުން އެކުލަވާލާނެ ގޮތުގެ މިންގަނޑުތަކާއި އުސޫލުތަކާއި ބެހޭ ގޮތުން އެއްބަސްވުމަކަށް އައުމަށް، މަސައްކަތް ކުރުމަށްޓަކައި ވޯލްޑް ބޭންކް، އިންޑިއާ، ޗައިނާ، ސަޢުދީ އަރަބިއާ އަދި ޖީ7 ގައުމުތަކާއިއެކު ބައްދަލުވުމެއް ބޭއްވުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުންވެސް އަންނަނީ ރާވަމުންނެވެ.

ކްރިޕްޓޯކަރަންސީތަކާއި މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތައް އިސްލާހުކުރުމާއި، ބައިނަލްއަގްވާމީ ޓެކްސް ނެގުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އެކަށީގެންވާ މާލީ އެހީ ހޯދުމާއި ބެހޭ ގޮތުންވެސް އައިއެމްއެފްއާއި، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިންވެސް ބައިވެރިވާ މި ބައްދަލުވުމުގައި މަޝްވަރާކުރަން ވަނީ ތާވަލުކޮށްފައެވެ.

ޖީ20 ގައުމުތަކަކީ ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުތައް އޮންނަ ގައުމުތަކެވެ. މި ޤައުމުތަކުން މަސައްކަތް ކުރާނީ ދުނިޔޭގެ އިޤްތިޞާދަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށެވެ. މި ބައްދަލުވުން މިދިޔަ އަހަރު އިންޑޮނޭޝިއާގައި ބާއްވާފައިވާއިރު، އަންނަ އަހަރު ޖީ20 ބައްދަލުވުން ބާއްވާނީ ބްރެޒިލްގައެވެ. އޭގެފަހުން 2025 ވަނަ އަހަރު މި ބައްދަލުވުން ބާއްވާނީ ދެކުނު އެފްރިކާގައެވެ.