ޚަބަރު

ކޯލިޝަން ހަދަން ޢަދާލަތުން ނިންމި ނިންމުމަށް ރައީސްގެ ޝުކުރާއި މަރުޙަބާ


ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިޔަށްދިއުމަށް ނިންމި ނިންމުމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައިވެސް ޢަދާލަތު ޕާޓީން، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރަން ނިންމާ ކޯލިޝަން ހެދުމަށް ނިންމީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ. މިނިންމުމާއި ގުޅިގެން މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އެންމެން އެކީ ގުޅިގެން ކުރިއަށްދިޔުމަށް އެދިވަޑައިގެންފައެވެ.

އަދާލަތުގެ އެ ނިންމުމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލްވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. ފައްޔާޟް ކުރެއްވި ޓްވީޓެއްގައިވަނީ ކޯލިޝަންގެ އެތެރެއިންނާ ބޭރުން ކުރިމަތިކުރުވި ބޮޑެތި ގޮންޖެހުންތަކާ ފުރައްސާރަތަކާއެކުވެސް، ސާބިތުކަމާއެކު އެމްޑީޕީއާއެކު އަދި ސަރުކާރާއެކު އަދާލަތު ޕާޓީ އޮތީ ޤައުމުގެ ހެވާލާބައަށްކަމަށްވެސް ފާހަގަކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ރައީސް ޞާލިޙާއެކު ތިބުމަށް ނިންމާ ނެރުއްވި ޤަރާރުގައި ވަނީ މިވަގުތުގެ ޙާލަތުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް ޢަދާލަތު ޕާޓީއަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު އިންތިޚާބު ކޮށްގެން ކަމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ބާރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ދެއްވާފައެވެ. ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ އިތުރުން މިހާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށާއި، އެމްއާރުއެމަށްވެސް ރައީސް ވަނީ ދައުވަތު ދެއްވާ ސިޓީފުޅެއް ފޮނުއްވާފައެވެ. ރައީސްގެ އެ ސިޓީފުޅަށް އެންމެ ފުރަތަމަ ގޮތެއް ނިންމެވި ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ކޯލިޝަނަކާއެކު ވާދަކޮށް ވެރިކަމަށް ވަޑައިގަތުމެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރުވެސް ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެމްޑީޕީއަށް އަނެއްކާވެސް ވެރިކަން ލިބޭނީ ކޯލިޝަން ހަދައިގެންކަމަށެވެ. އެހެންކަމުން ޕާޓީތަކާއި މަޝްވަރާކޮށްގެން ކޯލިޝަން ހެދުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ކޯލިޝަނާއެކު ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރެއްވޭނެކަމަށްވެސް ވިދާޅުވެފައެވެ.