ޚަބަރު

"ގެދޮރުވެރިންގެ ކޮމިޓީ" އެކުލަވާލައި މަސައްކަތް ފަށައިފި


މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބިމާއި ފްލެޓް ދޭނެ ފަރާތްތަކަށް ކަނޑައެޅުމަށްޓަކައި "ގެދޮރުވެރިންގެ ކޮމިޓީ"ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައިފިއެވެ. މި ކޮމެޓީގައި ހިމެނިވަޑާއިގަންނަވަނީ 5 މެންބަރުންނެވެ.

ސަރުކާރުން މާލެ ސަރަޙައްދުން ދިނުމަށް ނިންމި 5000 ގޯތީގެ ތެރެއިން 3000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރު ޖޫންމަހުގައެވެ. އޭގެތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޫކުރާ 1000 ގޯއްޗާއި، ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. ދެން ހިމެނެނީ މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކާ އެތަނުން ދޫކުރުމަށް ނިންމާފައިވާ 2000 ގޯއްޗެވެ.

މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުޞަތުގައި ފްލެޓަށް އެދި 20697 އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ. އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.

ކޮމެޓީގައި ތިއްބަވާ މެމްބަރުން

1. އަކްރަމް ކަމާލުއްދީން، މއ. އެވަރެސްޓް (ޗެއަރޕަރސަން)
2. އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު، މ. ބަޑިކުޅިމާގެ (ކޯ-ޗެއަރޕަރސަން)
3. މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
4. އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
5. މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ

މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިމަހުގެ 21 ވަނަދުވަހު ބާއްވާފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މި ކޮމެޓީގެ މަސައްކަތްތަކުގެ ތެރޭގައި ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަން ބެލުހެއްޓުމާ ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިހާރު ދިނުމަށް ނިންމާފައިވާ 5000 ގޯތީގެ އިތުރުން މާލެ ސަރަޙައްދުން އިތުރު ގޯތި ދިނުމަށް ނިންމަވާފައިވާކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވަނީ އިއުލާންކުރައްވާފައެވެ. އަދި މިއަހަރުގެ ޖޫންމަސް ނިމުމުގެ ކުރިން ބިހިޔާވަހިކަން ލިބޭ ފަރާތްތަކާއި ލިޔުން ހަވާލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިޕްރޮގްރާމްގެ ދަށުން ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލެ ފޭސް 2 ގެ އެކި ސަރަޙައްދުތައް ހިމެނޭހެން 1000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފުކުރުމުގެ ޢަމަލީ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފަށާފައެވެ. އެތަނުގައި ކުރަމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތެވެ.

ހުޅުމާލެއިން ދޫކުރަން ހަމަޖެހިފައިވާ ބްލޮކްތައް ނުވަތަ ސަރަހައްދުތައް 1250 އަކަފޫޓަށްވުރެ ކުޑަ ނުވާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓްކޮށް ނިމެންވާއިރަށް މިބިންތައް ސާފުކޮށް އިންޖަހާ ނިންމާނެކަމަށްވެސް އެޗްޑިސީން ބުނެއެވެ.