ޓުއަރިޒަމް

"ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމަކީ ދެވޭ އަނިޔާއެއް"


ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމަކީ ދިވެހިންނާއި ދިވެހި ވިޔަފާރިތަކާއި ޒުވާނުންނަށް ދެވޭ އަނިޔާއެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ބޭންކް އޮފް މޯލްޑިވްގެ މާފުށީ ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލައި، ފަތުރުވެރިންނަށް ރާއްޖޭގެ މާޙައުލު ނުރައްކާތެރި ތަނެއްގެގޮތުގައި ދައްކަން އިދިކޮޅު ބައެއް ފަރާތްތަކުން މަސައްކަތް ކުރާކަމަށެވެ. އެފަދަ ކަންކަމުން ގެއްލުމެއް ވާނެނަމަ ވާނީ ދިވެހި ރައްޔިތުންނަށާއި ދިވެހި ވިޔަފާރިތަކަށް ކަމަށް ސަޢީދު ވިދާޅުވިއެވެ. މިއީ ޤައުމަށް ހެޔޮއެދޭ އެއްވެސް މީހަކު ކުރާނެ އަދި ހިތްވްރުދޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "މިކަންކަން ހުއްޓާލުމަށް ގޮވާލުމަކީ ހަގީގަތުގައި މިއަދު ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބެއް. ދިވެހިރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި، ދިވެހި ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލުމަކީ ރާއްޖެ ދެކެ ލޯބިވާ އެއްވެސް ވެރިއަކު ކުރާނެ ކަމެއް ނޫން." މިނިސްޓަަރ ވިދާޅުވި އެވެ.މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖޭގެ އަދުގެ ހަލަބޮލި މާޙައުލުގައިވެސް، މިއަދުވެސް ރާއްޖޭގެ ރިސޯޓްތަކުގައި ޓުއަރިސްޓުން ތިބިކަމީ ދިވެހި ރާއްޖެއާމެދު ބޭރުދުނިޔެއަށް އޮތް އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށެވެ.