ޚަބަރު

އަބުރާ ބެހުމުގެ ކުށް، ޖިނާއީ ކުށަކަށް ބަދަލެއް ނުކުރާނެ- ރައީސް


އަބުރާއި ބެހުމުގެ ކުށް، ޖިނާޢި ދަޢުވާއަކަށް ބަދަލުކުރައްވަން ނޫޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މަހިބަދޫ ފެނުގެ ނިޒާމް އިފްތިތާޙުކުރެއްވުމަށް މިއަދު އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަބުރާބެހުމުގެ ކުށަށް އިޞްލާޙު ހުށައަޅުއްވަން ސަރުކާރުން ނިންމެވުމުން އިދިކޮޅު ފަރާތްތަކާއި މީހުންގެ ޙައްގުތަކަށް އަރައިގަންނަ ފަރާތްތަކަށް އުދަގޫވެގެން ހިނގައްޖެކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އަބުރާ ބެހުމުގެ ކުށް ޖިނާޢީ ދަޢުވާއަކަށް ބަދަލުކުރައްވަން ވިސްނުފުޅު ނުގެންގުޅުއްވާ ކަމަށާއި ދެންވެސް އަބުރާ ބެހުމުގެ ކުށް ފުރަތަމަ މަރުޙަލާގައި އޮންނާނީ މަދަނީ ކުށެއްގެ ގޮތުގައިކަމަށެވެ. އެހެން ނަމަވެސް މަޖިލީހަށް ހުށައަޅުއްވާ އިޞްލާޙުގައި އަބުރާބެހުމުން ކުރެވޭ ޖޫރިމަނާގެ އަދަދު އެތައް ގުނައަކުން އިތުރުކުރައްވާނެ ކަމަށާއި އެ ފައިސާ ނުދައްކައިފިނަމަ ޖިނާޢީ އަދަބެއް ލިބިގެންދާގޮތަށް ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.މަހިބަދޫގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މީޑިއާތަކުންވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖޭގެ އަގު ވެއްޓޭގޮތަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް އެމަނިކުފާނު ޖަވާބުދާރީކުރައްވާނެ ކަމަށްވެސް ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ޙާދިސާގެ ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދަޢުވާ ނުއުފުލާއި ޚިޔާނާތުގައި ދަޢުވާކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް ރައްދުދެއްވާފައިވެއެވެ. ރައީސް ޔާމީން ވިދާޅުވީ ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބަކީ ނުރައްކާތެރި މީހެއް ނޫންކަމުގައި ނުދެއްނެވޭނެ ކަމަށެވެ. އަދި ރިޔާސީ ލޯންކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ޖިނާޢީ މައްސަލަތައް މި ހަފްތާތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.  އަދި ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން އަދީބް ހިންގަވާފައިވާ ޚިޔާނަތުގެ ކަންކަންކަމަކީ އެކަމާ ރައީސާއި  ދެން ތިއްބެވި ވަޒީރުންނާ ގުޅުން ހުރިކަމެއް ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ކުރީގެ ރައީސް ނަޝީދަކީ ޚުދްމުހުތާރު ވެރިއެއްގެ ގޮތުގައި  ސިފަކުރައްވާފައިވެއެވެ. އަދި ރައީސް ނަޝީދު އެއީ އެންމެ ޑިމޮކްރެޓީކް ރައީސްކަމަށް ވިދާޅުވާކަމަށާއި އެހެންމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ނަޝީދު މަސައްކަތްކުރެއްވީ އެންމެ ޚުދުމުހްތާރުކޮށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.