ދުޅަހެޔޮ އާދަތަކެއް އަށަގަންނުވައިގެން، ތިންބައިކުޅަ އެއްބައި މީހުން، ކެންސަރު ބަލިން ދުރާލާ ރައްކާތެރިވެވިދާނެކަމަށް ނޭޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭންގައި ހާމަކޮށްފިއެވެ. ބައިނަލްއަޤުވާމީގޮތުން ހެދިފައިވާ ދިރާސާތަކާއި ޙަވާލާދީ މިޕްލޭންގައިވަނީ ޢާއްމުކޮށް ފެންނަ ކެންސަރުގެ އެކި ބާވަތްތަކުގެ ތެރެއިން 30 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގައި ކެންސަރު ކޮންޓްރޯލްކުރުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި ކެންސަރު ފެންނަ ނިސްބަތް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަމަށް، ހެލްތު މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. އެހެންކަމުން މިނިސްޓްރީ އޮފް ހެލްތުން ވަނީ، ކަމާއި ގުޅޭ އިދާރާތަކުގެ އެހީތެރިކަމާއެކު ނޭޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން 2022-2026 އެކުލަވާލާފައެވެ. ފަސް އަހަރުގެ މުއްދަތަށް އެކުލަވާލި މިޕްލޭންގައި އަލިއަޅުވާލާ މައިގަނޑު އެއް ދާއިރާއަކީ ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުއެޅުމެވެ. މިޕްލޭންގައި ކެންސަރު ޖެހުމަށް މަގުފަހިވާކަމަށް ފަހުގެ ހުރިހާ ދިރާސާއަކުންވެސް އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. އެއީ ދުޅަހެޔޮކަމާއި ބީރައްޓެހި ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިކުރުވުމެވެ.
މިޕްލޭންގައި ހާމަކޮށްފައިވާގޮތުން ޢާއްމުކޮށް ފެންނަ ކެންސަރުގެ ތެރެއިން ތިންބައިކުޅަ އެއްބައި ކެންސަރަކީ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކެއް އަށަގަންނެވުމުގެ ސަބަބުން ބަލިން ރައްކާތެރިވެވިދާނެ ކެންސަރުގެ ބާވަތްތަކެވެ.
ޚާއްސަކޮށް ދުންފަތުގެ އެކި ބާވަތްތަކާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމާއި، ކެއިންބުއިމުގައި ގެންގުޅޭ ރައްކާތެރި ނޫން އާދަތަކާއި، ހެލިފެލިވެ ނޫޅުމާއި ރަނގަޅު މިންވަރަކަށް ބަރުދަން ބެހެއްޓުމުގައި ފަރުވާތެރިވެގެން ކެންސަރުގެ ގިނަ ބަލިތަކަކުން ރައްކާތެރިވެވިދާނެކަމަށް މިޕްލޭންގައިވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކުރައްވާފައިވާގޮތުގައި ދުޅަހެޔޮ ސިއްޙީ އާދަތަކުގެ އެހީގައި 30 އިންސައްތައާއި 50 އިންސައްތަ ކެންސަރަކީ އޭގެއިން ރައްކާތެރިވެވިދާނެ ކެންސަރެވެ.
"ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން 2022-2026" https://t.co/APN4vpNVIs
— Ministry of Health (@MoHmv) February 16, 2023
ރާއްޖޭގައި އޮތް ކެންސަރުގެ ނުރައްކަލުން އަރައިގަތުމަށް އެކުލަވާލި ކެންސަރ ކޮންޓްރޯލް ޕްލޭންގައި ވާގޮތުން ރާއްޖޭގައި ބަލި އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ދުރާލާ ބަލި ދެނެގަތުމުގައި ދިމާވެފައިވާ ހިރާސްތަކެވެ. މިގޮތުން ކެންސަރ ދެނެގަތުމަށް ހަދާ ޓެސްޓުތައް ހެދޭނެ އިންތިޒާމު ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ގިނަ ހޮސްޕިޓަލުތަކުގައި ނެތުންވެސް ހިރާސްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ ގިނަ ހޮސްޕިޓަލުތަކުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ކެންސަރު ބަލީގެ ސަބަބުން ބަލިމީހުންގެ ކިބައިން ފެނިދާނެ ޢަލާމަތްތައް ދަސްކޮށްދީ ތަމްރީންކުރެވިފައިނުވާކަން މި ޕްލޭންގައިވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު ކެންސަރު ބަލިކަން ދެނެގަތުމަށް ހަދާ ޚާއްސަ ޓެސްޓުތައް ރާއްޖޭގައި ހެދެން ނެތްއިރު، ބައޮޕްސީއާއި ސައިޓޮލޮޖީގެ ޚިދުމަތް ދެވެންނެތީ ބައެއް ޙާލަތްތަކުގައި ވަޞީލަތް ނެތުމާއި، ހުރި ވަޞީލަތްތައް ބޭނުންކުރަން ތަމްރީނު ދެވިފައިވާ ޕްރޮފެޝަނަލުން ނެތުމުންކަމަށްވެސް މިޕްލޭންގައިވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމާއި ކެންސަރު ބަލި ދެނެގަތުމަށް ތަހުލީލު ކުރުމާއި ކެންސަރާއި ގުޅޭ އިތުރު ފަރުވާއަށް ފޮނުވުމާއި ގުޅޭ އެއްވެސް ދާއިރާއަކުން ޢަމަލުކުރާނެ އުސޫލެއް އެކުލަވާލާފައި ނުވާކަން މި ޕްލޭންގައި ހާމަކޮށްފައިވެއެވެ.
ކެންސަރ ކޮންޓްރޯލް ޕްލޭންގެ ދަށުން އެންމެ ބޮޑަށް ބާރުއެޅުމަށް ނިންމާފައިވަނީ ޢާއްމުން ހޭލުންތެރިކުރުވުމަށެވެ. އެގޮތުން ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބަދަލުވުމަށް ބާރު އެޅުމާއި ކެންސަރުގެ ނުރައްކާ އޮތް ޢުމުރުފުރާގެ މީހުންނަށް ކެންސަރަށް ސްކްރީންކުރުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްވަނީ ނިންމާފައެވެ.
ގައިންގަޔަށް ނާރާ ބަލިތަކުގެތެރެއިން އެންމެ އާންމު ބައްޔަކީ ކެންސަރެވެ. ފުރާނައަށްނުރައްކާވާ މިބައްޔަށް މިހާރު ގިނަ ޢަދަދެއްގެ ޒުވާނުން ހުށައެޅެމުންދާކަމީ އޮތް ބޮޑު ކަންބޮޑުވުމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އެންމެ ގިނައިން މީހުން ނިޔާވާ ބަލިތަކުގެ ތެރޭގައިވެސް ކެންސަރު ހިމެނެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނެރެފައިވާ ތަފާސް ހިސާބުތައްް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެއެވެ. ރާއްޖޭގެ ބަލިތަކުގެ ޙާލަތާއި ގުޅޭގޮތުން 2020ވަނަ އަހަރު ދުނިޔެގޭ ސިއްޙަތު ޖަމިއްޔާއިން ކުރި ދިރާސާއެއްގައި ބުނާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ %17އަކީ ކެންސަރުގައި މަރުވާ މީހުންނެވެ.
އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2016އިން 2019އަށް، 7500އަށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދާފައިވެއެވެ.
މީގެތެރެއިން ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ފުއްޕާމޭގެ ކެންސަރަށެވެ. އަދި އަންހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާހޯދާފައިވަނީ އުރަމަތީގެ ކެންސަރަށެވެ.