އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޞައްޙަ ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެ، އަންނަ އަންގާރަ ދުވަހު ފުރަތަމަ އަޑުއެހުން ބާއްވަން ތަޢާވަލުކޮށްފިއެވެ.
މި މައްސަލަ ތިން ފަރާތަކުން ސިވިލް ކޯޓަށް ހުށައަޅާފައިވެއެވެ. ނަމަވެސް ތިން މައްސަލާގައިވެސް އެއްކަމަކަށް އެދިފައިވާތީ ސިވިލް ކޯޓުން ބަލައިގަތީ އެތަނުން އެއް މައްސަލައެވެ. އެގޮތުން ސިވިލް ކޯޓަށް ބަލައިގަތީ ޢަލީ ޢަމްޖަދު ކިޔާ މީހަކު ހުށައަޅާފައިވާ މައްސަލައެވެ.
އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭގޮތުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ، ޕާޓީގެ މެންބަރުކަމުން ވަކިކުރުމަކީ، އެ މެންބަރަކާމެދު އެޅޭ ފިޔަވަޅެއްކަން އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކުރާއިރު، އެޕާޓިން 39،000 މެންބަރުން ވަކިކޮށްފައިވަނީ އިޖްރާޢަތްތައް ފުރިހަމަ ނުކޮށްކަމަށެވެ. އެހެންކަމުން އެ މެންބަރުންގެ ވޯޓުދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި ޕްރައިމަރީ ޞައްހަ ނޫންކަމަށް ކަނޑައަޅައި، އަލުން ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީގެ މައްޗަށް ޢަމުރުކޮށްދިނުމަށް އޭނާ އެދިފައިވެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާޠިލުކުރުމަށް ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން ބަލައިގަނެފައިވާއިރު، އެމްޑީޕީން ވަނީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކުރައްވާފައެވެ.
ޕްރައިމަރީ ސައްޙަ ނޫންކަމަށް ކަނޑައެޅުމަށް ކޯޓުގައި އެދިފައިވާއިރު، ރައީސް ނަޝީދު ވަނީ އިންތިޚާބުގެ ނަތީޖާ މިހާރު ޤަބޫލުފުޅުކުރައްވާފައެވެ. ނަމަވެސް ރައީސް ނަޝިދުގެ ފަރާތްޕުޅުންވަނީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އިންތިޚާބާއި މެދު ސުވާލު އުފައްދަވާ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ގިނަ ޝަކުވާތަކެއް އިންތިޚާބީ ކޮމިޓީއަށްވެސް ހުށައަޅާފައެވެ. ނަމަވެސް އެކޮމިޓީން މައްސަލަތައް ބެލުމަށްފަހު ނިންމާފައިވަނީ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ޝަކުވާއެއް ހުށައަޅާފައިނުވާކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް މިދިޔަ މަހުގެ 28ގައި ބޭއްވި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ޞާލިހު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގައި ރައީސް ޞާލިޙަށް %61 ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39އެވެ.