ޚަބަރު

އަފްޣާނިސްތާނުގެ އަސްކަރީ ބައެއް މަރުކަޒުތައް އިޤްތިޞާދީ ސަރަހައްދުތަކަށް ބަދަލުކުރަނީ


ކުރީގެ ބައެއް އަސްކަރީ މަރުކަޒުތައް އިޤްތިޞާދީ ސަރަހައްދުތަކަށް ބަދަލުކުރާނެ ކަމަށް އަފްޣާނިސްތާނުގެ ޠާލިބާނު ސަރުކާރުން ބުނެފިއެވެ. މި ނިންމުން އިއުލާން ކުރެއްވީ އިގްތިޞާދީ ކަންކަމާއި ބެހޭ އެކްޓިން ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މުއްލާ އަބްދުލްޣަނީ ބަރަދާރެވެ.

މުއްލާ ބަރަދާރު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޚާއްސަ އިގްތިޞާދީ ސަރަހައްދުތަކަށް ބަދަލުކުރުމުގެ ނިޔަތުގައި ބޭރުގެ ބާރުތަކުގެ ބާކީ ހުރި އަސްކަރީ މަރުކަޒުތައް ކޮންޓްރޯލް ކުރަން ނިންމައިފައިވާކަމަށެވެ. މުއްލާ ވިދާޅުވި ގޮތުގައި މި މަޝްރޫއު ފެށޭނީ ވެރިރަށް ކާބުލްއާއި އުތުރުގެ ބަލްކް ޕްރޮވިންސްގެ ސައިޓްތަކުން ކަމަށެވެ. ނަމަވެސް މިކަމާއިބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ތާލިބާނުން ރަނގަޅަށް ވެރިކަން ކުރަން ބޭނުން ނަމަ އިގްތިޞާދީ ގޮތުން އަފްޣާނިސްތާން ކުރިއަރުވަން ޖެހޭނެ،" ސިންގަޕޫރުގެ އެސް ރާޖަރަތުނަމް ސްކޫލް އޮފް އިންޓަރނޭޝަނަލް ސްޓަޑީޒްގެ މުހައްމަދު ފައިޒަލް ބިން އަބްދުއްރަހުމާން ބީބީސީ ނޫހަށް ވިދާޅުވިއެވެ.

"އެއަށްވުރެ މުހިންމު ކަމަކީ އިގްތިޞާދީ ޕްލޭންއެއް އެކުލަވާލަން ތާލިބާނުން ވެފައިވާ ވައުދު ފުއްދާނެކަން ސާބިތުކޮށްދިނުން. މީގެ ތެރޭގައި ޗައިނާ ފަދަ ބޭރުގެ އިންވެސްޓަރުންނަށް ވެރިރަށް އަދި ބޯޑަރު ކައިރީގައި ސޭފް ޒޯންތައް ގާއިމްކުރުމާއި އަވަށްޓެރި ގައުމުތަކާއިއެކު ސަރަހައްދީ ވިޔަފާރީގެ ގުޅުން ރަނގަޅު ކުރުން ހިމެނޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަފްޣާނިސްތާނަކީ މަދުން ނޫނީ ނުފެންނަ ބިމާއި ކޮޕަރ އަދި ގުދުރަތީ ގޭސް ފަދަ ގުދުރަތީ ވަޞީލަތްތަކުން މުއްސަނދި ޤައުމެކެވެ. މި ގުދުރަތީ ވަސީލަތްތަކުގެ އަގު 1 ޓްރިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެ ވަޞީލަތްތަކުގެ ބޮޑު ބައެއް އަދިވެސް އޮތީ ގައުމުގައި ދިގު ޒަމާންތަކެއް ވަންދެން އުފެދިފައިވާ ހަލަބޮލިކަމުގެ ސަބަބުން ބޭނުންނުކުރެވިއެވެ.

ބޭރުގެ އަސްކަރީ ބާރުތައް ވަކިވި ފަހުން އަފްޣާނިސްތާނުގެ މާލިއްޔަތަށް ވަނީ ބޮޑެތި ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. ސަރުކާރުގެ މެމްބަރުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، މަރުކަޒީ ބޭންކުގެ ބޭރުގެ އެސެޓްތައް ފްރީޒްކޮށް، ކުރިން އެ ގައުމުގެ އިގްތިސާދީ ދުވެލި ހަލުއި ވުމަށް އެހީތެރިވި ބޭރުގެ ގިނަ އެހީތައްވެސް ވަނީ މެދުކަނޑާލާފައެވެ.

މިއަހަރުގެ ކުރީކޮޅު ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ އުތުރުގައި ތެޔޮ ހޯދުމަށް ޗައިނާގެ ކުންފުންޏަކާއި އެކު ކޮންޓްރެކްޓެއްގައި ސޮއިކުރަން ރާވާފައިވާ ކަމަށް ބުނެފައެވެ. 25 އަހަރަށް ކުރަން ރާވާފައިވާ މި އެއްބަސްވުމުން ޗައިނާއިން މި ސަރަހައްދުގައި އިގްތިޞާދީ ގޮތުން ބައިވެރިވާ މިންވަރު ފާހަގަކޮށްލެވެއެވެ.

އަފްޣާނިސްތާނުގެ ޠާލިބާނުންގެ ވެރިކަން ޗައިނާއިން ރަސްމީކޮށް ބަލައިނުގަތް ނަމަވެސް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއަށް އަފްޣާނިސްތާނަކީ މުހިންމު ސަރަހައްދެކެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގް 2013 ވަނަ އަހަރު ފަށާފައިވާ ރޯޑް އެންޑް ބެލްޓް އިނީޝިއޭޓިވްއަކީ ކުރިއަރަމުން އަންނަ ގައުމުތަކަށް ބަނދަރާއި މަގުތަކާއި ބްރިޖް ފަދަ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އިސްނެގުމެކެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުންގެ ކޮންޓްރޯލް އަލުން ހޯދި ފަހުން އަގްޣާނިސްތާނުގައި އިގްތިޞާދީ އަދި އިންސާނީ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބޭރުގެ އަސްކަރީ ބާރުތައް އަފްޣާނިސްތާނުގައި އުޅޭތާ ދެ ގަރުނު ވެއްޖެއެވެ.