ދުނިޔޭގެ ވިޔަފާރި

އެމެޒޯންގެ މުވައްޒަފުން ހަފްތާއަކު މަދުވެގެން 3 ދުވަހު އޮފީހަށް ހާޒިރުވާންޖެހޭނެ


އަންނަ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު މަދުވެގެން 3 ދުވަހު މުވައްޒަފުން އޮފީހުގައި ތިބެގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އީކޮމާރސް ކޮންފުނި އެމެޒޯންއިން ހުކުރު ދުވަހު ބުނެފިއެވެ.

އެމެޒޯންގެ ބްލޮގުގައި އާންމުކުރި މެސެޖެއްގައި ޗީފް އެގްޒެކެޓިވް އެންޑީ ޖޭސީ ވިދާޅުވެފައިވާ ގޮތުގައި މި ނިންމުމަކީ މި ހަފްތާގެ ކުރީކޮޅު ބޭއްވި ބައްދަލުވުމެއްގައި ނިންމި ނިންމުމެއް ކަމަށާއި މި ފިޔަވަޅާއެކު ދަސްކުރުމާއި އެއްބާރުލުން ދިނުމަށް ފަސޭހަވާނެ ކަމަށެވެ.

"މި ބަދަލުގެ ސަބަބުން އަޅުގަނޑުމެންގެ އާބަން ހެޑްކުއާޓަރު ލޮކޭޝަންތަކުގެ ވަށައިގެން ޕުޖެޓް ސައުންޑް، ވާޖިނިއާ، ނޭޝްވިލް، އަދި އަޅުގަނޑުމެންގެ މުވައްޒަފުން އޮފީހަށް ދާ ދުނިޔޭގެ ދިހަވަރަކަށް ސިޓީގައި ހުރި އެތައް ހާސް ވިޔަފާރިތަކަށް ކުރިއެރުމެއް ލިބިގެންދާނެ،" ޖޭސީ ވިދާޅުވިއެވެ.

އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި އެ އުސޫލުން ބައެއް އިސްތިސްނާތައް ހުންނާނެ ކަމަށާއި އެގޮތުން ކަސްޓަމަރ ސަޕޯޓް ރޯލްތަކާއި ސޭލްސް ޕާސަނުންނަށް ދުރުގައި ތިބެގެން މަސައްކަތް ކުރުމުގެ އިޚްތިޔާރު ލިބިގެންދާނެ ކަމަށެވެ.

ހަފްތާއެއްގައި ކޯޕަރޭޓް މުވައްޒަފުން އޮފީހުގައި މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ދުވަސްތައް ނިންމުމަށް ވަކިވަކި ޓީމުތަކަށް ދޫކޮށްލާނެ ކަމަށް އެމެޒޯނުން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ބުނެފައެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މަސައްކަތު މާހައުލަށް ބަދަލުތަކެއް އައިސް، މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް ކުންފުނިތަކުން ވަނީ އަންގާފައެވެ. ނަމަވެސް ބަލިމަޑުކަމަށް ލުއި ލިބުނު ފަހުންވެސް މުވައްޒަފުންގެ ބޮޑު އާބާދީއެއް އަންނަނީ އޮފީހުގެ މަސައްކަތް ގޭގައި ކުރަމުންނެވެ.