ދުނިޔޭގެ ވިޔަފާރި

ޖީ20 ބައްދަލުވުމުގައި ހާލުގައި ޖެހިފައިވާ ގައުމުތަކުގެ ދަރަނި ލުއި ކުރުމަށް އެމެރިކާއިން ބާރުއަޅާނެ


ކުރިއަށްއޮތް ޖީ20ގެ ބައްދަލުވުމަށް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން މި ހަފްތާގައި އިންޑިއާއަށް ދަތުރު ކުރުމަށް ހަމަޖެހިއްޖެއެވެ.

މިފަހަރުގެ ޖީ20 ބައްދަލުވުމުގައި އެމެރިކާ އިން ބޮޑަށް ބާރު އަޅާނީ ހާލުގައި ޖެހިފައިވާ ގައުމުތަކުގެ ދަރަނި އަލުން އެކުލަވާލުން ހުއްޓުވުމާއި، ޔޫކްރޭނަށް ތާއީދު އިތުރުކުރުމާއި، މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތައް އިސްލާހުކުރުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ބައްދަލުވުމަށް ޖީ20 ގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކްތަކުގެ ގަވަރުނަރުންނާއި ޔެލެން ގުޅިވަޑައިގެންނަވާނީ ފެބްރުއަރީ 23-25 އަށް ބެންގަލޫރުގައެވެ.

ޓްރެޜަރީގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ޔެލެން، ލިބޭ ކޮންމެ ފުރުސަތެއްވެސް ބޭނުންކުރައްވައިގެން ޔުކްރެއިން އަރައިގަތުމުން އެކަމުގައި ރަޝިއާ ކުށްވެރިކޮށް ފާޑުކިޔާނެއެވެ. އަދި ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއި ހަކަތައިގެ އަގު އުފުލުން ފަދަ މައްސަލަތައް ކުޑަކުރުމަށް އެހެން ގައުމުތަކާއިއެކު ޔެލެން މަސައްކަތްކުރައްވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު،އައިއެމްއެފްގެ އާ ލޯނު ޕްރޮގްރާމެއް ހިމެނޭ ގޮތަށް ޔޫކްރެއިނަށް މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ ކަމަށްވެސް ޔެލެން ފާހަގަކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ބައްދަލުވުންތަކުގައި ރަޝިޔާގެ އެކުވެރި ގައުމުތަކާއި ގުޅިގެން ޔެލެން މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑު އުންމީދު ނުކުރާނަން،" އޮފިޝަލް ވިދާޅުވިއެވެ. "އަދި ރަޝިޔާ އަށާއި ރަޝިޔާގެ ހަނގުރާމައަށް ފާޑުކިޔުމުގައި ވަރަށް ސީދާ ގޮތެއްގައި ޔެލެން ވާހަކަ ދައްކަވާނެ." އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޔެލެން އަދި ޗައިނާގެ ގައުމުތަކާއެކު އެއްވެސް ބައްދަލުވުމެއް ބާއްވާފަ އެއް ނުވެއެވެ. ޔެލެން މިދިޔަ ހަފްތާގައި ވިދާޅުވީ ގޮތުގައި މަތީ ފެންވަރުގެ އިގްތިސާދީ ބައްދަލުވުންތަކަށް ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ނަމަވެސް މި މަހުގެ ކުރީކޮޅު ޗައިނާގެ ސަރވައިލެންސް ބެލޫނެއް ވެއްޓުނު ހާދިސާއަށް ފަހު އެމެރިކާގެ ރައްދު ޗައިނާއަށް ދިނުމުގައި ސްޓޭޓް އަދި ޑިފެންސް ޑިޕާޓްމަންޓުން އިސްކޮށް ހަރަކާތްތެރިވަމުންދާތީ ބައްދަލުވުން ބޭއްވޭނެ ވަގުތެއް އެގިވަޑައިނުގަންނަވާ ކަމަށެވެ.

ހާލުގައި ޖެހިފައިވާ ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ދަރަނި ލުއި ކޮށްދިނުމަށް އެދި ޖީ20 ގެ ބައްދަލުވުންތަކުގައި ޔެލެން ޗައިނާއަށް ޕްރެޝަރު ކުރައްވާނީ ކަމަށްވެސް އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.

އައިއެމްއެފް އާއި ވޯލްޑް ބޭންކުން އިންތިޒާމްކޮށްގެން މި މަހުގެ 25 ވަނަ ދުވަހު އިންޑިއާގައި ބާއްވާ ޖީ20 ބައްދަލުވުމުގައި ޒެމްބިއާ، ސްރީ ލަންކާ އަދި އެހެން ގައުމުތަކަށް ދަރަނި ލުއިކުރުމުގެ އެއްބަސްވުންތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާ މައްސަލައަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލަން ހަމަޖެހިފައިވާއިރު، މިބައްދަލުވުމުގައި ޗައިނާ އިން ބައިވެރިވާން ޖެހެއެވެ. ޗައިނާއިން ބުނާގޮތުގައި ދަރަނި ލުއި ކުރުމުން ދެން ދިމާވާ މައްސަލަތަކަށް ވޯލްޑް ބޭންކާއި އެހެން މާލީ އިދާރާތައް ޒިންމާވާން ޖެހޭނެއެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ހަމަނުޖެހުންތައް ފަދަ ދުނިޔޭގެ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ލޯނު ދޫކުރުން ވަރަށް ބޮޑަށް ފުޅާކުރުމަށް މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތައް އިސްލާހުކުރުމަށް ގައުމުތަކުގެ އިއްތިފާގު ހޯދުމަށްވެސް ޔެލެން ޕްރެޝަރު ކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޖީ20 ބައްދަލުވުން ބޯމަތިވެފައި އޮތް އިރު، ދަރަނި ރީސްޓްރަކްޗަރ ކުރަން ޗައިނާގެ އެހީ ލިބޭނެކަން ޔަގީން ނުވި ނަމަވެސް ލަންކާއަށް ދޭން އެއްބަސްވެފައިވާ ލޯނު ދިނުމަށް ފާސްކުރަން އައިއެމްއެފް އިން ވިސްނާ ކަމަށް މިދިޔަ ހަފްތާ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.