ޚަބަރު

ޤައުމީ ޢަބުޠާލުންގެ ޒިކުރާ ދެމެހެއްޓެނިވި ގޮތަކަށް އައުކުރަންޖެހޭ


މިއަދަކީ މިއަހަރުގެ ޝަހީދުންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ޝައުބާން މަހުގެ ފުރަތަމަ ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށް އަލިރަސްގެފާނު ކުރެއްވި ޖިހާދުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ. އަދި އޭގެފަހުންވެސް ރާއްޖޭގައި އޮތް އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދުކުރެއްވި ޤައުމީ އަބުޠާލުންގެ ހަނދާން އައުކުރުމަށެވެ.

ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ އަމާންކަމާއި މިނިވަންކަމުގެ ދިފާޢުގައި ޤުރުބާންވާ ދަރިންގެ ހަނދާން އަބަދުމެ އައުކުރެއެވެ. އެކަން ކުރުމަށް ވަކި ދުވަސްތަކެއް ކަނޑައެޅިފައިވީ ނަމަވެސް މިބިންމަތީގައި ނެތް އެދަރިންގެ ހަނދާންތައް އެކި ސިފަސިފައިގައި އެޤައުމުގެ ފަސްގަނޑުން ފިލާދިޔަކަ ނުދެއެވެ. ރާއްޖޭގައިވެސް ކޮންމެ އަހަރެއްގެ މިދުވަސް ވަރަށް ޝަރަފުވެރިކަމާއެކު ސަރުކާރާއި، ސްކޫލް މަދަރުސާތަކުގައި އަދި އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ ޕޯސްޓްތަކާއި ވައިބަރ ގްރޫޕަށް އަންނަ މެސެޖުތަކުގައި މިދުވަސް ވަރުވަރުން ފާހަގަކުރެއެވެ. އެހެންނަމަވެސް އެހާހިސާބުން ނިމުނީއެވެ. އަނެއްކާވެސް އަނެއް އަހަރުގެ މިދުވަހުގައެވެ.


އެހެން ޤައުމުތަކުގައި މިފަދަ އަބުޠާލުންގެ ޙައްގުގައި ތަމްސީލު ކުޅެވި، އަގު ބޮޑެތި ފިލްމު ސްކްރީނަށް ގެނެވި، އެފަރާތްތަކުގެ ޙަޔާތުގެ މައްޗަށް ފޮތް ލިޔެވި، ސްކޫލް މަދަރުސާތަކުގައި އެފަރާތްތަކުން ޤައުމާއި މެދު ބެހެއްޓި ފަރުވާތެރިކަމާއި ހިތުގައި އޮތް ލޯބީގެ ވާހަކަތައް އަޑުއިވި ލޮލަށް ފެނެއެވެ. ޑިޖިޓަލް ދުނިޔެއެއްގައި، އެހެން ޤައުމުތަކާއި ރާއްޖެ ވާދަކޮށް ކުރެއެވެ. އީޖާދީ ދުނިޔޭގައި ދިވެހިންވެސް ފައިތިލަ ސާބިތުކޮށްފިއެވެ. އެހެންނަމަވެސް ތިމާމެންގެ ރައްކަލަށް، އެންމެ ފަހު ނޭވާ ދޫކޮށްލުމަށްވެސް ފަސްނުޖެހުނު އެތައް، ދަރިންނެއްގެ ޒިކުރާ ގެނެސްދީ އެމާޒީ ޙިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ގެނެސްދިނުމުގައި އެހެންޤައުމުތަކާ ފައިތިލަ ހަމައެއް ނުކުރެވެއެވެ.

ޝަހީދުންގެ ދުވަސް އެއްބަޔަކު ދެކެނީ އެއީ ހަމައެކަނި ޤައުމީ ހެދުން ލުމަށް އޮންނަ ދުވަހެއްގެ ގޮތުގައެވެ.

ނަމަވެސް މިފަދަ ދުވަހެއް އަޅުގަނޑުމެންގެ ތެރޭގައި ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ޤައުމުގެ ދަރިންގެ ހިތްތަކުގައި އެޤައުމަށްޓަކާ ޤުރުބާންވެ، ޝަހީދުވެ ގޮސްފައިވާ އަބްޠާލުންގެ ޛިކުރާ އާކުރުމެވެ. ޤައުމުގެ މާޒީގެ ހަނދާންތައް މިހާރުގެ ދަރިންނަށް ހަނދާންކޮށްދީގެން ޤައުމަށް ދިމާވެފައިހުރި އެކިއެކި ހުރަސްތަކުގައި އިހުގެ ދަރީން ސާބިތުކޮށްދީފައިވާ ޢަޒުމާއި ހިތްވަރު އަދުގެ ދަރީންނަށް ދަސްކޮށްދިނުމެވެ. ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ އެ ޤައުމެއްގެ ދަރީންގެ ހިތުގައި އެޤައުމަކަށް އޮންނަ ލޯތްބަކާއި، ޤަދަރެއްގެ މައްޗަށްކަން ވިސްނާދިނުމެވެ.

އެހެންކަމުން ސްކޫލްތަކުގައި މިއަދަށްޓަކައި، އެދުވަހު ހަނގުރާމަކޮށް ލޭއޮހުރުވާލެވުނު ޢަބުޠާލުންގެ ވާހަކަތައް ތަފްސީލުކޮށް ކިޔައިދޭންވީއެވެ. އެއަބުޠާލުންގެ ވާހަކަތައް ޒަމާނީ ޓެކްނޮލޮޖީގެ ޒަރީއްޔާތަކުން މުސްތަޤުބަލުގައި، ފެންނަން ހުންނާނެ ގޮތް ހަދަންވީއެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން، ޝަހީދުންނާއި ގުޅުންހުރި ދިވެހި ތާރީޚު، ފަހަށް ރައްކާކުރެވޭނެހެން ސްކްރީނަށް ގެންނަންވީއެވެ. ލިޔުންތެރިން މިވާހަކަތައް ފަހުގެ ވައްޓަފާޅިއަށް ކިޔާހިތްވާނެހެން ލިޔެ ޢާއްމުކުރަންވީއެވެ.

މިއަދު ކޮންމެ ދިވެއްސަކުވެސް ޢަޒުމް ކަނޑައަޅަންވީ އެހަނދާންތައް ކޮންމެ ދުވަހަކުވެސް އައުކުރެވޭ ގޮތަކަށް ކޮންމެވެސް ކަމެއް ކުރުމަށެވެ.