ސިޔާސީ

ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ތައްޔާރު - އެމްޑީޕީ


ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓިތަކާއެކު ބާއްވަވާ މަޝްވަރާތަކުގައި ބައިވެރިވުމަށް ތައްޔާރުކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވެއްޖެއެވެ.އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސަރުކާރާއެކު މަޝްވަރާކުރަން ތައްޔާރު ކަމަށާއި، ނަމަވެސް މަޝްވަރާތަކުގައި ދެފަރާތުންވެސް އިޚްލާޞްތެރިވާން ޖެހޭނެ ކަމަށެވެ. ސަރުކާރާއެކު މަޝްވަރާ ކުރައްވާނީ ޖަލު ޙުކުމް ތަންފީޒް ކުރަމުންދާ ސިޔާސީ ބައެއް ފަރާތްތައް ދޫކޮށްލުމުންކަމަށް އެމްޑީޕީން ކުރިން ބުނެފައި ވީނަމަވެސް، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މަޝްވަރާކޮށްގެން ކަންކަން ޙައްލުކުރުމަށް ތާއީދުކުރާ ކަމަށާއި، މައިނޯރިޓީ ޕާޓީގެ ގޮތުގައި ސަރުކާރުން އެ ޕާޓީގެ އަޑުވެސް އަހަން ޖެހޭނެ ކަމަށެވެ. އަދި ޑިމޮކްރަސީއެއްގައި މެޖޯރިޓީއާއި މައިނޯރިޓީގެ އަޑު އަހަން ޖެހޭކަން ޤަބޫލުކުރަން ޖެހޭކަމަށްވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ތެރެއިން މަޝްވަރާކޮށްގެން ކަންކަމަށް ޙައްލު ހޯދަން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ގޮވާލެއްވި ގޮވާލެއްވުމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ޚާއްޞަ ގޮތްތަކެއް ހެދުމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީއާއެކު މަޝްވަރާ ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވަނީ ވިދާޅުވެފައެވެ. ނިހާން ވިދާޅުވީ، އެމައްސަލައަކީ ސަރުކާރުގެ ޕާލަމެންޓްރީ ގްރޫޕާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވާހަކަ ދައްކައިގެން ޙައްލު ހޯދޭނެ މައްސަލައެއް ކަމަށެވެ. ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކުރުމަށް ވަގުތު ހޭދަކުރުމުގެ ބަދަލުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެޕާޓީއަށް ލުޔެއް ހޯދިދާނެކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރަން ބޭނުންވާނަމަ، އެމްޑީޕީގެ މެމްބަރުން ޓަކިޖަހަން ޖެހޭނީ ބޭރު ޤައުމުތަކުގެ ދޮރުގައި ނޫންކަމަށެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަންފީޒް ކުރައްވަމުން ގެންދަވާ ޖަލު ޙުކުމަށް ލުޔެއް ހޯދޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައިވެއެވެ.