ޚަބަރު

ހުޅުޖަހަން ގޮވާލި އައްބާސްގެ މައްޗަށް ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ


ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލި މައްސަޅާގައި އައްބާސް އާދިލް ރިޟާގެ މައްޗަށް ދައުވާ އުފުލައިފިއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާއެވެ.

މިދިޔަ ސަރުކާރުގައި މެލޭޝިއާގައިި ހުންނަ ދިވެހި އެމްބަސީގައި އިސް މަޤާމެއް އަދާކޮށްފައިވާ އައްބާސް ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ޓްވިޓާގައި ގޮވާލާފައިވަނިކޮށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން އައްބާސްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ 22 ޑިސެންބަރު 2022 ސޯޝަލް މީޑިއާ "ކްލަބްހައުސް" ގައި އޭނާ ވާހަކަ ދައްކަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީކަމަށެވެ. އަދި 23 ޑިސެންބަރު 2022 ދުވަހު ޢައްބާސް ޢާދިލް ރިޟާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާކަމަށްވެސް އައްބާސްގެ މައްޗަށް އުފުލި ދަޢުވާގައިވެއެވެ.

މި ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އަންނާނެ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.

އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން އައްބާސް ގޮވާލުމުން އޭނާ ހައްޔަރުކޮށް ދެފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އަދި މިިދޔަ މަހުގެ 13ގައި އޭނާ ވަނީ ދޫކޮށްލާފައެވެ.