ޚަބަރު

ޗައިނާ ފަތުރުވެރިން ރާއްޖެއާއި ގުޅޭ މައުލޫމާތު ހޯދާ މިންވަރު 2 ގުނަ އިތުރުވެއްޖެ


ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާއި ގުޅޭ މައުލޫމާތުތައް ޗައިނާ ފަތުރުވެރިން ހޯދާ މިންވަރު ދެ ގުނައަށް އިތުރުވެއްޖެއެވެ.

ޗައިނާގެ ނޫސްތަކުގައި ބުނެފައިވާގޮތުން ރާއްޖެއާއި ގުޅޭ މައުލޫމާތުތައް އޮޅުން ފިލުވާ ފަރާތްތައް އިތުރުވެފައިމިވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންއެރައިވަލް ވިސާ ދޭން ސޮއިކުރި އެއްބަސްވުމަށް ޢަމަލުކުރަން ފަށައި، އޮންއެރައިވަލް ވިސާ ދޭން ފެށުމާއި ގުޅިގެންނެވެ. މިއީ މިދިޔަ އަހަރު ރާއްޖެއާއި ޗައިނާއާއި ދެމެދު ވެފައިވާ ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ނަމަވެސް ކޯވިޑްގެ ޙާލަތާ ގުޅިގެން މިހާތަނަށް އެއެއްބަސްވުމަށް ޢަމަލުކުރުން އޮތީ ފަސްކޮށްފައެވެ.

ރާއްޖެއަށް ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެން ދިޔުމާއެކު ޗައިނާގެ ރައްޔިތުންގެ މެދުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަންމިވަނީ އިތުރުވެފައެވެ. ޚަބަރުތައް ބުނާގޮތުގައި މިދިޔަ ހުކުރު ދުވަހު، ޗައިނާގެ އޮންލައިން ޓްރެވަލް އެޖެންސީއެއް ކަމަށްވާ ގުނާރު ޑޮޓު ކޮމްގައި ރާއްޖެ އާއި ގުޅޭ މައުލޫމާތު ހޯދާފައިވާ މިންވަރުވަނީ 126 އިންސައްތަ އިތުރުވެފައެވެ.

ގުނާރު ޑޮޓް ކޮމްގެ ސްޕޯކްސް ޕާސަންއެއް މައުލޫމާތުދޭގޮތުގައި ޖެނުއަރީމަހާ އަޅާ ބަލާއިރު، ފެބްރުއަރީމަހު ރާއްޖެއަށް ރިޒަވޭޝަން ހަދާފައިވާ މިންވަރުވެސް ވަނީ ދެ ގުނައަށް އިތުރުވެފައެވެ. އަދި ކުރިއަށް އޮތްތާގައި މި އަދަދު އިތުރުވުން އެކަށީގެންވާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މީގެއިތުރުން ޓުރިޕް ޑޮޓު ކޮމްގައިވެސް ރާއްޖެއާއި ގުޅޭގޮތުން މައުލޫމާތު ހޯދާފައިވާ މިންވަރު 200 އިންސައްތަ ވަނީ އިތުރުވެފައެވެ. ޗައިނާއަކީ ކޯވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔަ ޤައުމެވެ.

2020ވަނަ އަހަރު ކުރިމަތިވި ކޯވިޑް19ގެ ޙާލަތާއެކު، ރާއްޖެއާއި ޗައިނާއާއި ދެމެދު ސީދާ ދަތުރުތައް ހުއްޓާލިއެވެ. ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، މިދިޔަ މަހު 18އިން ފެށިގެން ޗައިނާއިން އެއަރލައިންތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ވަނީ ފަށާފައެވެ. އެންމެ ފުރަތަމަ ދުވަހުވެސް 198 ފަތުރުވެރިން އައިސްފައިވެއެވެ.

އަދި މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 8015 ފަތުރުވެރިން އައިސްފައިވާއިރު، އެޤައުމަކީ މިހާރު ރާއްޖެއަށް 8ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.