ދުނިޔޭގެ ވިޔަފާރި

އިންފްލޭޝަން ކުޑަކުރުމުގެ ބިލާ ގުޅިގެން އެމެރިކާއާއި އީޔޫ މަޝްވަރާކޮށްފި


އެމެރިކާގެ އިންފްލޭޝަން ކުޑަކުރުމާއިބެހޭ ބިލާއި ގުޅިގެން އެ ގައުމުގެ ވިޔަފާރިއާއިބެހޭ މަންދޫބު ކެތްރިން ޓައި، ޔޫރަޕް އިއްތިހާދު، އީޔޫގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓް ވާލްޑިސް ޑޮމްބްރޮވްސްކިސްއާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އިންފްލޭޝަން ކުޑަކުރުމުގެ ބިލު އެމެރިކާއިން ތަސްދީގު ކޮށްފިނަމަ އެ ގާނޫނުގެ ދަށުން އިލެކްޓްރިކް ވެހިކަލްތަކާއި އެހެނިހެން ޓެކްނޮލޮޖީ އުފެއްދުންތަކަށް ދޭ 369 ބިލިއަން އެމެރިކާ ޑޮލަރުގެ ސަބްސިޑީގެ ސަބަބުން ޔޫރަޕްގައި ހުންނަ ވިޔަފާރިތަކަށް ގެއްލުން ލިބިދާނެތީ އީޔޫގެ ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޤާނޫނުގެ ދަށުން ސަބްސިޑީގެ ބޮޑު ބައެއް އުތުރު އެމެރިކާގައި ހުންނަ ކުންފުނިތަކަށް ދޭން އޮންނައިރު، އީޔޫގެ ލީޑަރުން ކަންބޮޑުވަނީ ކުންފުނިތައް ޔޫރަޕުން ދުރަށް ދާންޖެހިދާނެތީއެވެ. އެ ގާނޫނުގައިވާ ގޮތުން އުތުރު އެމެރިކާއިން ބޭރުގައި އުފައްދާ ވެހިކަލްތަކަށް ޓެކްސް އިނާޔަތް ނުލިބޭނެއެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި ބައްދަލުވުމަށް ފަހު ޓައިގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ހަކަތައާއި ބެހޭ ދާއިރާ ހަރުދަނާ ކުރުމުގެ އަމާޒުގައި އެމެރިކާއާއި އީޔޫއަށް ގާތުން މަސައްކަތް ކުރަމުން ގެންދެވޭނެކަމުގެ އުންމީދު އެބައޮތްކަމަށެވެ.

އީޔޫއިން ބޭނުންވަނީ އެމެރިކާގެ ވިޔަފާރީގެ ބައިވެރިންކަމަށްވާ ކެނެޑާ އާއި މެކްސިކޯގެ އުފެއްދުންތެރިކަން ބޮޑުތަނުން ސަބްސިޑީ ސްކީމްތަކުގައި ހިމެނިފައިވާތީ، އީޔޫވެސް އެ މިންވަރަށް ސްކީމްގައި ހިމެނުމަށެވެ. ނަމަވެސް މި ގާނޫނަށް އެމެރިކާގެ ކޮންގްރެސް އިން އެއްވެސް އިސްލާހެއް ގެންނާނެ ކަމަކަށް ނުބެލެވެއެވެ.

އިންފްލޭޝަން ދަށްކުރުމުގެ ބިލާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ހަމައެކަނި ޔޫރަޕްގެ ޤައުމުތަކުން ނޫނެވެ. އެކަމާއި ގުޅިގެން ދެކުނު ކޮރެއާއިންވެސް ވަނީ އެމެރިކާއާއި މަޝްވަރާ ކުރުމަށް އެދިފައެވެ.

ޔޫރަޕިއަން ކޮމިޝަނާއި، ވައިޓް ހައުސް އިން ވަނީ އެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މަތީ ފެންވަރުގެ ޓާސްކް ފޯހެއް އުފައްދާފައެވެ. އަދި ޓައި އާއި ޑޮމްބްރޮވްސްކިސް ވަނީ ދަގަނޑާއި އެލްމިނިއަމްގެ އެއްބަސްވުމަކަށް އަންނަން މަޝްވަރާތައް ކޮށްފައި ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި މިކަމާއިބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ޓައިގެ އޮފީހުން ބުނެއެވެ.