ޚަބަރު

ހަމަހަމަ ކަމާއި އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވާ: ނައިބު ރައީސް


ރާއްޖޭގައި އިތުރުވަމުން އަންނަ އެއަރޕޯޓުތަކާއެކު، އެއްވެސް ރައްޔިތަކަށް ވަކި ގޮތެއް ހެދުމެއް ނެތި ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށްވެސް ޚިދުމަތް ފޯރުކޮށްދެއްވުމަށް ޤައުމީ އެއަރލައިގެން މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

ނައިބު ރައީސްވަނީ ޤައުމީ އެއަރލައިން ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާ އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންގެ މެދުގައި އޮތް ގާތްގުޅުން ފާހަގަކުރައްވާ އެކަން އަބަދުމެ އެގޮތުގައި ބޭއްވުމަށްވެސް އެދިވަޑައިގަންނަވާފައެވެ.

އައިލެންޑް އެވިއޭޝަންގެ ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ އައިލެންޑް އެވިއޭޝަންގެ މުވައްޒަފުން އަދާކުރަމުންދަނީ ޤައުމުގެ ތަރައްޤީއާއި ގުޅިފައިވާ މުހިއްމު މަސައްކަތެއްކަމަށެވެ. އެގޮތުން ރާއްޖޭގައި މިވަގުތުވެސް އެންމެ ގިނަ މީހުން ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ މައިގަނޑު ވަޞީލަތަކީ ވައިގެ ޚިދުމަތަށްވާއިރު ކޮންމެ ދުވަހަކުވެސް އައިއޭއެސްގެ މުވައްޒަފުންގެ ޚިދުމަތް އެހުރިހާ ދަތުރުވެރިންވެސް ލިބިގަންނަކަމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓުތައް އިތުރުވަމުންދާއިރު ކުރިއަށް އޮތްތަނުގައި އައިއޭއެސްގެ މަސައްކަތް ބޮޑުވާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޚިދުމަތް ދިނުމުގައި މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަމަހަމަ ކަމާއި، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވުމަށް ނައިބު ރައީސްވަނީ އެދިވަޑައިގަންނަވާފައެވެ.

"ތިބޭފުޅުންނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް ޚިދުމަތް ދެމުންގެންދަވާ ބައެއް. ދުވާލެއްގެ މައްޗަށް ފަންސާސް ފްލައިޓް ފަސްދޮޅަސް ފްލައިޓް ދަތުރުކުރާއިރު އެހުރިހާ ފަރާތްތަކުން ތިއިން ކޮންމެވެސް މުވައްޒަފެއްގެ ޚިދުމަތް ލިބިގަންނާނެ. އެހެންކަމުން ވަކި ރައްޔިތަކަށް ބެލުމެއް ނެތި އޯގާތެރިކަމާއެކު ޚިދުމަތް ދެއްވަންޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މެދުގައި އޮތް ގުޅުން ސްޓާފް ނައިޓުގައި ވަރަށް ރަނގަޅަށް ފެނިވަޑައިގަތްކަން ފާހަގަކުރައްވާފައެވެ. އަދި ކުންފުނި ކުރިއަރައި ދިޔުމުގައި މުވައްޒަފުން އެކަކު އަނެކަކަށް ބަހައްޓާ ގާތްކަމާއި އެއް ސެކްޝަން އަނެއް ސެކްޝަނަކަށް ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުން މުހިއްމު ދައުރެއް އަދާކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


"ސްޓާފް ނައިޓަކީ ވަރަށް މުހިއްމު ކަމެއް. މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަންކުރަން ޖެހޭނެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް އެއީ. މިކުންފުނީގައި 20 އަހަރު އަދި 40 އަހަރު ޚިދުމަތް ކުރައްވާ ބޭފުޅުން އެޚިދުމަތުގައި ދެމިތިއްބެވީ އެހެން ދާއިރާއަކުން ފުރުސަތު ނެތިގެން ނޫން. އެއީ ތަންދެކެވާ ލޯތްބެއްގެ ބޮޑުކަމުން." ނައިބު ރައީސް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައިވަނީ އެކުންފުނީގައި ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑާއި ހަނދާނީ ލިޔުން ދެއްވާފައެވެ. އަދި މުވައްޒަފުންގެ މުސާރައަށާއި ދެމުންދާ ޢިނާޔަތްތަކަށް ރަނގަޅު ބަދަލެއް ގެނައުމަށް ނިންމާ އެކަންވެސްވަނީ މިހަފްލާގައި ޢިއުލާންކުރައްވާފައެވެ.

އައިލޭންޑް އޭވިއޭޝަންގައި 1300 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ ޚިދުމަތް ދެމުންނެވެ. ރާއްޖޭގައި ބައެއް އެއަރޕޯޓުތައް ހިންގުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނައިރު ރާއްޖޭގެ އެންމެ ބޮޑު އެއަރލައިން އަދި އެންމެ ބޮޑު އެއަރކްރާފްޓް ފްލީޓު އޮތީވެސް އައިއޭއެސްގައެވެ. މީގެއިތުރުން ރާއްޖޭގެ ފުރަތަމަ ފްލައިންގ ސްކޫލް ހިންގަމުން އަންނަނީ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން އެކުންފުނީގެ ބެލުމުގެ ދަށުންނެވެ.