ޚަބަރު

މަރޗް މަހުން ފެށިގެން އައިލެންޑް އެވިއޭޝަން މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ


އަންނަ މާޗް މަހުން ފެށިގެން އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އައިލެންޑް އެވިއޭޝަނުން ހާމަކޮށްފިއެވެ. މުސާރައިގެ އިތުރުން ކޯވިޑާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންގެ މުސާރައިން ކަނޑާލާފައިވާ ޢިނާޔަތްތައް އަލުން ދިނުމަށްވަނީ ނިންމާފައެވެ.

އައިލެންޑް އެވިއޭޝަންގެ ސްޓާފް ނައިޓްގައި ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކާއި އަދި މުވައްޒަފުންގެ ކުރިއެރުމާއި ލާބައަށް ކުރަމުންދާ މަސައްކަތްތައް އެކުންފުނިންވަނީ ހިއްސާކުރައްވާފައެވެ. މިހަފްލާގައި މުވައްޒަފުންނާއި މުޚާޠަބުކޮށް ވާހަކަދައްކަވަމުން އައިލެންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދު ވިދާޅުވީ އަންނަ މާޗްމަހުން ފެށިގެން މުވައްޒަފުންގެ އަސާސީ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ. މިބަދަލާއެކު މުވައްޒަފުން ޕެންޝަނަށް ރައްކާކުރާ މިންވަރުވެސް އިތުރުވެގެންދާނެ ކަމަށް މިހާދު ވިދާޅުވިއެވެ. އަދި މިހުރިހާ ބަދަލެއް އެކުންފުނިން ގެންނަމުންދަނީ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހޯދާއިދީ ޤާބިލް މުވައްޒަފުން ކުންފުނީގައި ދެމެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ.

"މުވައްޒަފުންގެ ޓިކެޓަށް ދައްކާ ފިއުލް ޗަރޖް މާޗްމަހުގެ 1 އިން ފެށިގެން ކަނޑާލަންވަނީ ނިންމާފައި. އަދި މާޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް ކުންފުނިން ވަނީ ނިންމާފައި." މިހާދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ކޯވިޑް-19ގެ ސަބަބުން ކުޑަކުރި ޢިނާޔަތްތަކުގެ ތެރެއިން އިތުރު ޢިނާޔަތްތައް އަލުން ދޭން ފެށުމަށް އައިލެންޑް އެވިއޭޝަނުންވަނީ ނިންމާފައެވެ. އެގޮތުން މުވައްޒަފުންނަށް ދެމުންދާ ޓިކެޓު ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކަނޑާލާފައި އޮތުމަށްފަހު އަލުން މިޓިކެޓުގެ ޢިނާޔަތްތައްވެސް އިޔާދަކުރުމަށްވަނީ ނިންމާފައެވެ. ހަމައެއާއެކު އައިލެންޑް އޭވިއޭޝަންގެ ޓިކެޓުގެ ފިއުލް ޗާޖްގެ ގޮތުގައި ދައްކާ ފައިސާގެ އިންސައްތަވެސް އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންގެ އަތުން ނުނަގާގޮތަށް މާޗް މަހުން ފެށިގެން ހަމަޖެހޭނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައިވަނީ އެކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އެވޯޑު ދެއްވާފައެވެ. ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ އެންމެ ބޮޑު އެއަރލައިން ހިންގަނީ އައިލެންޑް އެވިއޭޝަނުންނެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤުވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރަމުން އަންނައިރު ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް އެކުންފުނިން ފާހަގަކުރެއެވެ.