ޚަބަރު

ތިނަދޫގެ އިސްލާމީ މަރުކަޒު މަރާމާތުކޮށް ޖުލައި މަހަށް ނިމޭނެ: އެމްޓީސީސީ


ތިނަދޫ އިސްލާމީ މަރުކަޒަކީ މާލެ ފިޔަވާ ރާއްޖޭގެ ރަށެއްގައި ތަރައްޤީކުރި ފުރަތަމަ އިސްލާމީ މަރުކަޒެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތިނަދޫ އިސްލާމީ މަރުކަޒު ހުޅުވާ ބޭނުންކުރަންވަނީ ފަށާފައެވެ. އެހެންނަމަވެސް މިމަރުކަޒުގެ ފައިދާ އެކަށީގެންވާގޮތުގައި ތިނަދޫ ރައްޔިތުންނަކަށް ނުލިބެއެވެ. އެތަން ބޭނުންކުރަން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސްވަނީ އަލުން މަރާމާތުކުރަންޖެހިފައެވެ.

ތިނަދޫ އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. މަސައްކަތް ފެށުމާއެކު މުޅި ޢިމާރާތުގައިވެސް މަރާމާތު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

މިމަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ ޢިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ވަރަށް ދަށް ފެންވަރެއްގައިކަމަށެވެ. އާޒިމް ވިދާޅުވީ ޓައިލްސްތައް ބަދަލުކުރުމުގެ މަސައްކަތް ފެށުމާއެކު ސީލިންއިން ފެންފައިބާކަން އެނގި އެކަން ބެލުމަށް ސީލީންގެ އެތެރެ ބެލުމުން ސީލިންގ ކޮށްފައިވާ ގޮތުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.


"ބޭރުން ބެލި ބެލުމުން ޓައިލްސްތައް ނައްޓާލައިގެން ރަނގަޅުވާނެ ކަމަށް ފެންނާތީ މަސައްކަތް ފެށިފަހުން ފާހަގަވީ މުޅި ތަނުން ފެންފައިބާކަން. އެއާއެކު އެމްޓީސީސީގެ އިންޖިނިއަރުންނާއި ޕްލޭނިން މިނިސްޓްރީގެ އިންޖިނިއަރުން ބެލުމަށްފަހުވަނީ އެސެސްމަންޓެއް ހަދާފައި. ރިޕެއަރގެ މަސައްކަތް ބޮޑަށް އޮތީ. އެއީ ވަރަށް ބުރަ މަސައްކަތެއް." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ތިނަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ ދަށުން އެތެރޭގައި ޓައިލްސް ބަދަލުކޮށް ބޭރުގައި މާބްލް ޖަހަން ޖެހޭތަންތަނުގައި މާބްލް ޖަހަން ހަމަޖެހިފައިވާކަމަށެވެ. އަދި ފާރުތަކުގައި ކަނޑައިގެން ގޮސްފައިވާ ތަންތަން ކެމިކަލް ބޭނުންކޮށްގެން މަރާމާތު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހަމަ އެއާއެކު މުޅި ޢިމާރާތުގެ ސީލިންގ ބަދަލުކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. މިހުރިހާ މަސައްކަތްތަކާއެކު އިސްލާމީ މަރުކަޒުގެ މަސައްކަތް ޖޫން ޖުލާއި ހިސާބުގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

ތިނަދޫ އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ އިތުރުން އެރަށުގެ ސަރަޙައްދީ ބަނދަރު ހެދުމާއި ޢާއްމު ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރުވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.