ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމުގެ އިނާމު ފުރަތަމަ ފަހަރަށް ބިދޭސީއަކަށް ދެއްވައިފިއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ފުރަތަމަ ފަހަރަށް ލިބިވަޑައިގެންނެވި ބިދޭސީއަކީ، ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ލެލްވަލަ ވިދަނަގެ ތިލަކަރަތަނެ (ތިލަކް)އަށެވެ. ތިލަކަކީ ދިވެހިންގެ ޚިދުމަތުގައި ފާއިތުވި 37 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިވަގުތު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސީނިއާ ޕްރޮޓޮކޯލް އޮފިސަރގެ މަޤާމު ފުރުއްވަމުންގެންދަވާ ތިލަކް އެންމެ ފުރަތަމަ ޚިދުމަތް ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެސިސްޓެންޓެއްގެ ވަޒީފާއެވެ. އޭގެފަހުން ވެލްފެއަރ އޮފިސަރގެ މަޤާމާއި ޕްރޮޓޮކޯލް އެސިސްޓެންޓްގެ މަޤާމު އޭނާވަނީ ފުރުއްވާފައެވެ.
ދައުލަތުގެ އެހީގައި ބޭސްފަރުވާއަށް ރާއްޖެއިން ލަންކާއަށް ދާ ދިވެހިންގެ ހުރިހާކަމެއް ބަލަހައްޓަނީ ތިލަކްއެވެ. އަދި ދިވެހި ދައުލަތުގެ ފަރާތުން އަވައްޓެރި ސްރީލަންކާއަށް ވަޑައިގަންވާ ޢިއްޒަތްތެރިންގެ ޕްރޮޓޮކޯލް ކަންކަން ބަލަހައްޓަވަނީވެސް ތިލަކްގެ ބެއްލެވުމުގެ ދަށުންނެވެ.
ތިލަކް ދިވެހި ދައުލަތަށް ކޮށްދެއްވަމުންގެންދާ ޚިދުމަތް ފާހަގަކުރައްވާ މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްގެ ފަރާތުންވަނީ 2010 ވަނަ އަހަރު "ލޯންގް ސަރވިސް އެވޯޑް" ދެއްވާފައެވެ.
ތިލަކަށް ދިވެހި ބަހުން ލިޔަން ކިޔަން އެނގިވަޑައިގަންނަވާއިރު، ފަރިތަކަމާއެކު ދިވެހި ބަހުން ވާހަކަދައްކަވައެވެ. މިސަބަބަށްޓަކައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ދެއްވުމުގެ ރަސްމިއްޔާތުގައި ތިލަކްގެ ޕްރޮފައިލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދެއްވާފައިވަނީ ދިވެހި ބަހުންނެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާ ފަރާތްތަކަށް ދެއްވާ އިނާމް ތިލަކަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
Congratulations to Mr. Lelwala Vidanage Thilakarathne (Thilak), protocol assistant at @MDVinSriLanka, for achieving the prestigous National Award for Public Service for over 35 years of service to the Government
— Abdulla Shahid (@abdulla_shahid) February 17, 2023
Mr. Thilak is an inspiration to everyone in the foreign service! pic.twitter.com/Oe0AUKtl6R
ތިލަކް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ދިވެހި ދައުލަތުން ތިލަކަށް އިނާމް ދެއްވުމާއި ގުޅިގެން މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ޢަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ. ފޮރިންގ މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަކްއަކީ ރައްޖޭގެ ޚާރިޖީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށްވެސް ނަމޫނާއެއްކަމަށެވެ.
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ލެލްވަލަ ވިދަނަގެ ތިލަކަރަތަނެ (ތިލަކް) ގުޅިވަޑައިގަތީ 1985 ވަނަ އަހަރުގެ މޭއި މަހުގައެވެ.