މަޑުޖެހިފައި އޮތް އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރުޢޫގެ މަސައްކަތްތައް އަލުން ފަށާ، މަގުތަކުގައި ތާރު އަޅަން ފަށައިފިއެވެ. އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ބައްލަވާލައްވާ، އަވަސްކުރުމަށް މިނިސްޓްރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަސްލަމް ވަޑައިގެން ހުންނެވީ އައްޑޫ ސިޓީގައެވެ.
އައްޑޫ ސިޓީގެ މަގު ހެދުމުގެ ބިޔަ މަޝްރޫޢު ފެށީ މިދިޔަ އަހަރުގެ މަރޗް މަހުއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫޢުގައިި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ޖުމްލަ 107 ކިލޯޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. ނަމަވެސް މަޝްރޫޢުގެ ބައެއް ކަންކަމާއި އައްޑޫ ސިޓީ ކައުންސިލާއި ޢާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މަގުތަކުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށްދާގޮތާއި، މަގުތަކުގެ ޑިޒައިންގައި، ދުއްވަން ހިމަނާފައިވާ ސަރަޙައްދު ހަނިވުމާއި، ޕްރޮޖެކްޓްގެ ފެންވަރާއި ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިއާއި ގުޅިގެން މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚުތަކަށްވެސް ލަސްތަކެއް ވަނީ އައިސްފައެވެ.
އައްޑޫ ސިޓީ ހިތަދޫގެ ތާރު އެޅުމުގެ މަސައްކަތް ބާރަށް ހިނގަމުން އެބަދެއެވެ. މިނިސްޓަރ ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން ދިމާވި މައްސަލަތަކަށް ހައްލުހޯއްދަވައިދެއްވާފައެވެ. pic.twitter.com/xBkqRQ14KI
— Min.of National Planning, Housing & Infrastructure (@MoNPHImv) February 16, 2023
މިކަންކަމާއި ގުޅިގެން، ސިޓީ ކައުންސިލާއި، އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ، މަސައްކަތް ކުރިއަށްދާކޮށް އަމިއްލަފުޅަށް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އައްޑުއަށް ވަޑައިގަތީ މިމަހުގެ 12ވަނަ ދުވަހުއެވެ. މިނިސްޓަރ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި މަހެއްހާ ދުވަހުގެ މުއްދަތަށް މަޑުކުރައްވާނެއެވެ.
ޕްލޭނިން މިނިސްޓަރ އަސްލަމް ވަނީ މިމަސައްކަތުގެ ކޮންޓެކްޓަރާއި، އިންޖިނިއަރުންނާއި، މިނިސްޓްރީގެ ޓީމާއި، ސިޓީ ކައުންސިލާއިއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންގޮސްފައެވެ. އަދި މަޝްރޫޢުގެ މައްސައްކަތްތައް އަވަސްކުރުމާއި، ރައްޔިތުންނާއި ކައުންސިލުން ހުށައެޅި ޚިޔާލުތަކަށް ބަލައި، މިހާރު ވަނީ މަސައްކަތުގެ ސްޕީޑް އަވަސްކޮށްފައެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ބައްދަލުވުންތަކާއި މަޝްވަރާތަކަށްފަހު، އައްޑޫ ސިޓީ ހިތަދޫގެ ތާރުއެޅުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. މަސައްކަތްތައް އަލުން ބާރު ސްޕީޑްގައި ފަށާފައި މިވަނީ މިނިސްޓަރ ބޭއްވި މަޝްވަރާތަކަށްފަހު، ކައުންސިލާއި ރައްޔިތުންވެސް ފާހަގަކުރި މައްސަލަތަކަށް ހައްލުހޯދުމަށްފަހުގައެވެ. އަދި ގެންނަން ބޭނުންވި ބަދަލުތައްވެސް ހިމަނައިގެންނެވެ.
މި މަޝްރޫޢުއަކީ 77.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.1 ބިލިއަން ރުފިޔާ ޚާރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މިހާރު މަސައްކަތުގެ ސްޕީޑަށް ބަލާއިރު، މިއަހަރުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމޭނެކަމަށް ލަފާކުރެވޭކަމަށެވެ.