ޚަބަރު

ޞިނާޢީ ބޭނުންތަކަށް ގުޅިފަޅުން ބިންދޫކުރަނީ


ގުޅިފަޅުގެ ބިން ޞިނާޢީ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް ނިންމަވާ، ޞިނާޢީ ބޭނުންތަކަށް ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑުން ހުޅުވާލައްވައިފިއެވެ.ގުޅިފަޅުން ޞިނާޢީ ބޭނުންތަކަށް ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަންވީގޮތާއި، އެހެނިހެން މަޢުލޫމާތު އަންނަ މާރޗްމަހުގެ 3 ވަނަ ދުވަހުން ފެށިގެން ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް، ޖީ.އައި.އެލްގެ އޮފީހުން ލިބެން ހުންނާނެކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑްގެ އޮފިޝަލަކު ވިދާޅުވީ، ގުޅިފަޅު އަލުން ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން ސިނާޢީ ބޭނުންތަކަށް އެރަށުން ބިން ދޫކުރައްވާނެ އުސޫލުތަކާއި، ޝަރުތުތައް ފައިނަލް ކުރެއްވުމުގެ ކަންކަން އެކުންފުނީގެ ފަރާތުން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ބިން ކުއްޔަށް ދޫކުރެއްވުމުގައި ބައްލަވާނެ ޝަރުތުތަކާއި، އެކަމުގެ އުސޫލު އެކުންފުނީގެ ފަރާތުން ވަރަށް އަވަހަށް އާއްމު ކުރައްވާނެ ކަމަށެވެ. ޖީ.އައި.އެލުން ވިދާޅުވީ، މަޢުލޫމާތު ފުރިހަމަ ނުވާ ޕްރޮޕޯޒަލްތައް ބާޠިލު ކުރެވޭނެކަމަށެވެ. ގުޅިފަޅުން ބިން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ މާރޗް 10 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އޭގެ ފަހުން ހުށައަޅާ ފްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ކަމަށްވެސް ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑުން ހާމަކުރައްވައެވެ. ބިން ހިއްކުމާއި ތަރައްޤީކުރުމަށް ގުޅިފަޅު 35 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ޖީ.ޕީ.ޑީއާއެކު ވެފައިވާ އެއްބަސްވުމާ އެކުންފުނިން ޚިލާފުވެފައިވާތީ، އެއްބަސްވުން ބާތިލްކުރެއްވުމަށްފަހު، އެރަށް އަނބުރާ ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑަށް ނަންގަވާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ޖީ.ޕީ.ޑީއާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލުކުރެއްވީ، ދިވެހި ދައުލަތަށް އެކުންފުނިން ކޮންސެޝަން ފީގެ ގޮތުގައި ދައްކަންޖެހޭ، އެތައް މިލިއަން ޑޮލަރު ދެއްކުމަށް ނުކުޅެދުމާއި، އެއްބަސްވުމާއި އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތްތައް ނިންމާފައި ނުވާތީއެވެ. އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ މާސްޓަރ ޕްލޭންގެ ދަށުން ގުޅިފަޅު ތަރައްޤީ ކުރެއްވުމުގެ މާސްޓަރ ޕްލޭނެއް ތައްޔާރު ކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. ގުޅިފަޅަކީ މީހުން ދިރިއުޅުމަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސަރުކާރުން ނިންމަވާ، އެތަނުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ 158 މީހަކަށް ހުޅުމާލެއިން ފްލެޓް ދެއްވަން ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.