ޚަބަރު

ބިދޭސީންގެ ކޯޓާގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަނީ


ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައި އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ބައެއް ޚިދުމަތްތައް އިކޮނޮމިކް މިނިސްޓްރީން މެދުކަނޑާލަން ނިންމައިފިއެވެ.

މިޚިދުމަތް މެދުކަނޑާލަނީ މިހާރު އަމަލުކުރެވެމުންދާ ކޯޓާ ދޫކުރުމުގެ އިންތިޒާމަށް ގެނެވޭ ބަދަލުތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންޕްލިމެންޓްކުރުމުގެ ގޮތުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއަށް ބިދޭސީން ގެނައުމަށް ދޭ ހުއްދައާއި ގުޅޭ މަސައްކަތްތައް ކުރުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމަކީ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމާއި އަދި ބިދޭސީން ގެނައުމާއި ގުޅޭ ކޯޓާ އާއި އެންޕްލޯއިމަންޓް އެޕްރޫވަލްއަށް އެޕްލައި ކުރުމަށް ހަދާފައިވާ ސިސްޓަމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލުމަށާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް މި މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކުރާގޮތުގެ މަތިން، ކޯޓާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ.

"އެކްސްޕެޓް ސިސްޓަމް" އިން ދޭ ޚިދުމަތްތައް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަރޗް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް "ވަރކް ޕަރމިޓް ފީ"ގެ ޚިދުމަތްތަކާއި "ވަރކް ޕަރމިޓް ޕާސްޕޯޓް އެޑް"ގެ ޚިދުމަތްތައް މިމުއްދަތުގައި މެނދުނުކެނޑޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެކްސްޕެޓް ސިސްޓަމްގައި ހުރި މައުލޫމާތު އަދާހަމަކުރުމާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއަށް ފެއްތުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން، އެކްސްޕެޓް ސިސްޓަމްގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކޮމާޝަލް ކެޓަގަރީތަކާއި އަމިއްލަ ފަރުދުންގެ، ގެވެށި މަސައްކަތަށް ނުވަތަ ޑޮމެސްޓިކް ކެޓަގަރީއަށް ދޫކޮށްފައިވާ ހުއްދަތަކުގެ މައުލޫމާތު އެކްސްޕެޓް ސިސްޓަމްގައި ހުރީ 2 ކެޓަގަރީއަކަށްވުމުން، މިހާރު އެމަޢުލޫމާތުތައް ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެކްސްޕެޓް ސިސްޓަމުންދޭ ބައެއް ޚިދުމަތްތައް މެނދުކެނޑޭނެކަމަށް ވަޒީފާދޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.