ތަޢުލީމު

މިމަހުގެ ތެރޭ 50 ސްކޫލެއްގެ ލެބޯޓްރީއަށް ކެމިކަލް ގެނެވޭނެ


ވަޞީލަތް ހަމަ ސްކޫލްތައް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިމަހުގެ 25 ހާތާގައި 50 ސްކޫލެއްގެ ސައިންސް ލެބޯޓްރީއަށް ބޭނުންވާ ކެމިކަލް ގެނެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސިނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް އަލީ ވިދާޅުވެއްޖެއެވެ. ސިނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްވަމުން ވިދާޅުވީ ވަސީލަތް ހަމަ ސްކޫލްތަކެއް ޤާއިމްކުރެއްވުމުގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތަކީ ދަރިވަރުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނަގަޅުކުރުން ކަމަށެވެ. އެގޮތުން ކުދިން ކްލާހަށް ވަންނައިރު ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހަމަކޮށްދެއްވުން އެއީ އެންމެ މުހިއްމު އެއްކަންތައް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ގިނަ ސްކޫލްތަކެއްގައި ދަރިވަރުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ލިބެން ހުންނާނެކަމަށް ވިދާޅުވިއެވެ. ސްކޫލްގައި ކިޔަވައިދިނުމުގެ ވަސީލަތް ޤާއިމްކުރުމުގެ ބައެއް ގޮތުގައި ކަރިކިއުލަމް ގުޅޭ ކަންތައްތައް ހިމެނޭކަމަށާއި، އޭގެތެރޭގައި ސައިންސް ކިޔަވާ ސްކޫލްތަކުގައި ލެބް ޤާއިމްކުރެއްވުމާއި، އެތަނަށް ބޭނުންވާ ތަކެތި ހަމަކުރެއްވުން ފަދަ ކަންތައްތައް ހިމޭ ކަމަށްވެސް ވިދާޅުވިއެވެ. ވަސީލަތްތައް ހަމަ ސްކޫލްތައް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ދަނީ ސްކޫލްތަކުގެ ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.