ޚަބަރު

"ބިތުފަންގި" ޑްރާމާ ސިލްސިލާ ޕްރިމިއަރ ކޮށްފި


ކޮރަޕްޝަނާއި މެދު އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި ޓީވީ ޑްރާމާ ސިލްސިލާ " ބިތުފަންގި " ރޭ ޕްރިމިއަރ ކޮށްފިއެވެ.  މި ޑްރާމާ ސިލްސިލާ ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރ މުހައްމަދު ނިޔާޒް ނުވަތަ އާންމު ނަމުންނަމަ ޓެޑްރީއެވެ. މިއީ 13 އެޕިސޯޑްގެ ޑްރާމާ ސިލްސިލާއެކެވެ. ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ބިތުފަންގި ޑްރާމާ ޕްރިމިއަރ ކޮށްދެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު އަކިލޭޝް މިޝްރާއެވެ. މި ޑްރާމާ ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ރޭ ވަނީ އޮލިމްޕަހުގައި ދައްކާފައެވެ. މި ޑްރާމާ ސިލްސިލާ ޕްރިމިއަރ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭ.ސީ.ސީގެ ރައީސް ހަސަން ލުތުފީ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ކޮރަޕްޝަންގެ ޙާލަތު ސިފަ ކޮށްދިނުމަށާއި، އާންމުން ހޭލުންތެރިކަން އިތުރު ކުރުމަށް ޑައިރެކްޝަން ޓީމުން ކޮށްފައިވާ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ފައިދާ މުޖުތަމައުގެ ތެރެއިން ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.ޑްރާމާގެ ޑައިރެކްޓަރ ނިޔާޒް ދެއްކެވި ވާހަކައިގައި ކޮރަޕްޝަން ފަދަ މައުލޫއަކަށް އިންސާފު ކުރުމަކީ އޭނާގެ ފިލްމީ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމަށް ސިފަކުރެއްވިއެވެ. އަދި މިއީ އާންމުން ގަޔާވާފަދަ ކޮލެޓީ ޑްރާމާ ސިލްސިލާއަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. ބިތުފަންގި ޑްރާމާ ޕްރިމިއަރ ކުރުމަށް ބޭއްވި ހަފްލާގައި ރާއްޖޭގެ ބޮޑެތި ޓީވީ ތަކުން އެއްވެސް އަގަކާ ނުލާ މި ޑްރާމާ ދުރަށް ފޮނުވުމަށް ނިންމެވިކަން އިއުލާންކޮށް، އެ ޓީވީ ސްޓޭޝަންތަކަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. ޕީ.އެސް.އެމްގެ ޓީވީއެމުން މި ޑްރާމާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުދަ ދުވަހެއްގެ ރޭ 22:00 ގައެވެ.