ޚަބަރު

ލޯނު ނެގިފަހުން ކިޔެވުން މެދުކަނޑާލަންޖެހުނު 120 ދަރިވަރަކަށް ފުރުސަތު ދޭނަން: މިނިސްޓަރު


ސްޓޫޑެންޓް ލޯނު ނެގި ފަހުން އެކި ސަބަބުތަކާ ހުރެ ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް، އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިފަހަރު ދޭން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑއިުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ލޯނު ނެގި ދަރިވަރުންގެ ތެރެއިން، އަމިއްލަ އިޚުތިޔާރުން ބޭރުގައި ކިޔެވުން މެދުކަނޑާލަން ޖެހުނު ވަރަށް ގިނަ ދަރިވަރުން އެބަތިބި ކަމަށެވެ. އެ ދަރިވަރުންނަށް އަލުން ލޯނަށް އެދުމުގެ ފުރުސަތު ދޭނެ ގޮތުގެ އުސޫލެއް މިހާރު އެކުލަވާލާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަހަރު ހުޅުވާލި ސްޓޫޑެންޓް ލޯނުގެ 720 ފުރުޞަތުގެ ތެރެއިން 120 ފުރުޞަތު އެފަދަ ކުދިންނަށް ޚާއްސަކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ހިންގައްޖެ ފާއިތުވި އަހަރުތަކުގައި ސަރުކާރުން ލޯނު ދީގެން، ސަރުކާރުން ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނީމާ ވެސް، އެ ކުދިންގެ އިޚުތިޔާރުން ބޭރުން ހިނގާ ކަންކަމުގެ ސަބަބުން ކިޔެވުން ފުރިހަމަ ނުކުރެވި އެބަދޭ. އެ ލޯނުގެ ފައިސާ ހުސް ވެގެން ދާއިރު ވެސް،" މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.

އަލަށް އެކުލަވާލައި އަމަލުކުރަން ފެށި ސްޓޫޑެންޓް ލޯނު ދިނުމުގެ އުސޫލުގައިވާ ގޮތުގައި، ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވި ހޭދަވި މުއްދަތަށް "ޓޮޕްއަޕް ލޯނު" ހަމަޖައްސައިދެއެވެ. އެފަދަ ސަބަބެއްގެ ގޮތުގައި ބަލާނެ ތިން ހާލަތެއް އެއުސޫލުގައިވެއެވެ. އެއީ ޕްރޮގްރާމް ފުރިހަމަކުރަމުން އަންނަ މަރުކަޒުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ހުއްޓާލުމާއި ދަރިވަރަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުމުގެ އިތުރަށް ޕްރޮގްރާމް ފުރިހަމަކުރަމުން އަންނަ މަރުކަޒުން އެ ޕްރޮގްރާމަށް އެންރޯލްވީ އިރު އެއްބަސްވެފައިވާ ޕްރޮގްރާމުގެ މުއްދަތަށާއި ޚަރަދުތަކަށް ބަދަލުތަކެއް ގެނައުމެވެ.

ސްޓޫޑެންޓް ލޯނު އަނބުރާ ނުލިބޭ މައްސަލައަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުން ލޯނު ދެނީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށެވެ. އަދި މުސްތަގުބަލުގައި ރާއްޖެއަށް ޚިދުމަތް ކުރުމަށް އާ ޒުވާނުންތަކެއް ތަމްރީނުވެގެން ތަރުބިއްޔަތުވެގެން ނުކުމެގެން އަންނާނީ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުން ކަމަށެވެ.

ލޯނުގެ ގޮތުގައި ދޭ ފައިސާ އަނބުރާ ދެއްކުމަކީ ދަރިވަރުގެ ބޮލުގައި އޮތް ޒިންމާއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ލޯނުގެ ފައިސާ ހޯދަން ކުރަންޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"އެހެންވީމަ ދަރިވަރުންގެ މައްޗަށް އޮތް ޒިންމާއެއް، އެމީހުންގެ މައްޗަށް އޮތް ވާޖިބެއް އެއީ އެ ފައިސާ އަނބުރާ ދެއްކުން މުސްތަގުބަލުގައި އެހެން ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް." މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުޞަތު އިތުރުކޮށް ސްޓޫޑެންޓް ލޯނުގެ 720 ފުރުޞަތު އަންނަމަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ މީހުންނަށް 60 ފުރުސަތު ހުޅުވާލާފައިވެއެވެ. މިދިޔަ އަހަރު އެދާއިރާއަށް ހުޅުވާލާފައިވަނީ 10 ފުރުސަތެވެ.

ޑިގްރީ ފެންވަރަށް އެމްބީބީއެސް ހެދުމަށް ރާއްޖެއިން ބޭރުން 55 ފުރުސަތު ހުޅުވާލާފައިވާއިރު މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރުން 20 ފުރުސަތު ވަނީ ހުޅުވާލާފައެވެ.