ޚަބަރު

ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ކަވަރޭޖް އިތުރުކުރަން މަސައްކަތްކުރަނީ


ދަރިމައިވުމުގެ މައްސަލަތަކާއި ގުޅިގެން ހަދާ އެކިކަހަލަ ޓެސްޓުތައް އާސަންދަ ސްކީމްގެ ތެރެއިން ކަވަރުކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ މީހުންނަށް ބޭސްފަރުވާ ކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އާސަންދައިގެ ތެރެއިން ފަރުވާ ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤަރާރަކާއި ގުޅިގެން މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ވަނީ، ހެލްތް މިނިސްޓްރީއާއި، އާސަންދަ ކުންފުނި އަދި ކަމާގުޅުންހުރި ޖަމްޢިއްޔާތަކާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ މީހުންނަށް ބޭސްފަރުވާ ކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އާސަންދައިގެ ތެރެއިން ފަރުވާ ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ޤަރާރެއް ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަޙްމަދު ނަސީމެވެ. އެ ޤަރާރުގައި ވަނީ ބޭސްފަރުވާގެ ޚިދުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހިލޭ ލިބެންޖެހޭ ޚިދުމަތެއްކަމަށް ކަނޑައަޅައި އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސުގެ ޤައުމީ ނިޒާމެއް ގާއިމް ކޮށްފައިވާކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް މިނިޒާމުގެ ތެރެއިން ބޭސްފާރުގެ ބައެއް ކަންކަމަށް ފަރުވާ ނުކުރެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއްކަމަށް ބަޔަންކޮށްފައިވެއެވެ.

ޚާއްސަކޮށް ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް ބޭނުންވާ އެންމެ އަސާސީ ބޭސްތައްވެސް ރާއްޖެއިން ލިބެން ނުހުންނަކަމީ ކަންބޮޑުވުމެއްކަމަށް މި ޤަރާރުގައި ބުނެފައިވެއެވެ.

މި މައްސަލައަށް ކޮމިޓީގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް އައްޒާމް ވަޖީހު ވިދާޅުވީ ދަރިމައިވުމުގ މައްސަލަތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގައި ސިޔާސަތުތައް ހަދައި، ތަންފީޒްކުރަމުންދާކަމަށެވެ. އެކަމަށް ބޭސްފަރުވާގެ ޚައްޞަ ނިޒާމުތަކެއް އެޤައުމުތަކުގައި ބައްޓަންކޮށްފައި ވީނަމަވެސް، ރާއްޖެ އަދި އޮތީ އެފަދަ ސިޔާސަތުތަކެއް ހެދުމުގެ މަރުހަލާގައިކަމަށް ޢައްޒާމް ވިދާޅުވިއެވެ.

އައްޒާމް ވިދާޅުވީ ދަރިމައިވުމުގެ މައްސަލައަކީ ސިއްޙީ މައްސަލައެއްގެ އިތުރުން، އިޖުތިމަޢީ ބޮޑު މައްސަލައެއްކަމަށެވެ. މިކަން ގުޅޭނީ ރާއްޖޭގެ އާބާދީ އިތުރުވާނެ މިންވަރާ ކަމަށާއި، ކުރިމަގުގައި އެކަމުގެ އަސަރު، އިޤްތިޞާދީގޮތުން އަދި އިޖުތިމާއީ ގޮތުންވެސް ރާއްޖެއަށް ކުރާނެކަމަށެވެ.

ދަރިމައިވުމާއި ގުޅޭ ޚިދުމަތްތަކުގައި އާސަންދައިން މިހާރު ކަވަރުކުރަނީ ކުޑަ މިންވަރެކެވެ. ދަރިމައިވުމުގެ މައްސަލަތަކާއި ގުޅިގެން ހަދާ ބައެއް ޓެސްޓުތައް ހެދުމަށް އާސަންދަ ހަމަޖެއްސުމަށް ބައެއް ދަތިތައް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ އެންމެ މުހިންމުކަމަކީ، ރާއްޖޭގައި ދަރިމައިވުމުގެ މައްސަލައޮތް މިންވަރާއި، އެކަން ތަޙައްމަލުކުރާ މީހުންގެ ނިސްބަތާއި ގުޅޭ ރަނގަޅު ދިރާސާއެއް ހެދުންކަމަށެވެ. އަދި ފޯރުކޮށްދޭ ފަރުވާއަކީވެސް އެމީހުންގެ ޒާތީ މަޢުލޫމާތުތައް ހިފެހެއްޓިގެން، ރައްކާތެރި ނިޒާމަކުން ދެވޭ ޚިދުމަތެއްކަން ކަށަވަރު ކުރަންޖެހޭކަމަށްވެސް އައްޒާމް ވިދާޅުވިއެވެ.

"އުސޫލެއް ކަނޑައަޅާއިރު ވަރަށް ގިނަ ކޮންޑިޝަންތަކެއްވެސް ހުންނަންޖެހޭ. މިސާލަށް ކިހާ ދުވަހު މިކަމަށް ފަރުވާ ކޮށްފައިވޭތޯ، ކޮން އުމުރުފުރައެއްތޯ. އައިވީއެފް ފަދަ ޚިދުމަތްތަކުގައި ކިތައް ސައިކަލް ދޭނެތޯ. މިފަދަ ވަރަށް ގިނަ ކަންކަމަށް ބަލައިގެން އުސޫލު އެކުލަވާލަންޖެހޭ." އައްޒާމް ވިދާޅުވިއެވެ.

މި މައްސަލަ ކުރިމަތިވާ މީހުންގެ ނިސްބަތާއި ގުޅޭގޮތުން ކޮމިޓީގައި މެންބަރުން ދެންނެވި ސުވާލުތަކަށް ދަވާބުދެއްވަމުން، ހެލްތު މިނިސްޓްރީގެ ފަރާތުން، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސައިންސަސް ޑރ.އަޙުމަދު އަޝްރަފް ވިދާޅުވީ، މިވަގުތު ހުރީ އާސަންދައިގެ ބައެއް ޚިދުމަތްތައް ހޯދި މީހުންގެ ނަންބަރުތައްކަމަށެވެ. އެގޮތުން 2021ވަނަ އަހަރު 440 ފިރިހެނުން އަދި 449 އަންހެނުން ޚިދުމަތް ހޯދާފައިވާކަމަށް ވިދާޅުވިއެވެ. މީގެތެރޭގައި ދަރިމައިވުމާއި ގުޅޭ ސިއްޙީ ފަރުވާއާއި، ނަފްސާނީ ފަރުވާ ހިމެނެއެވެ.

ނަމަވެސް މި އަދަދުތަކާއި ގުޅިގެން އާސަންދައިން ވިދާޅުވީ މިއީ މިމައްސަލައިގައި ތަފާސްހިސާބަށް ބަރޯސާވެވޭނެ ޢަދަދެއް ނޫންކަމަށެވެ. އާސަންދާގައި ރެކޯޑްކުރެވިފައިވަނީ، އާސަންދައިން ޚިދުމަތް ހޯދާ މަޢުލޫމާތު އެކަނިކަމާށައި، ރާއްޖެއިން ބޭރުން ފަރުވާ ހޯދާ މީހުންނާއި އަދި އެއްވެސް ފަރުވާއެއް ނުހޯދާ މީހުންވެސް މުޖުތަމަޢުގައި ގިނަކަމަށެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އަޝްރަފް ވިދާޅުވީ، ދަރިމައިވުމުގެ މައްސަލަތަކާއި ގުޅިގެން ހަދާ އެކިކަހަލަ ޓެސްޓުތައް އާސަންދަ ސްކީމްގެ ތެރެއިން ކަވަރުކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"ލެބް ޓެސްޓު އަދި ސްކޭންތަކަށް އާސަންދަ ކަވަރުކުރާ މިންވަރު އިތުރުކޮށް އެމްޕެނަލް ކުރުމަށް ދަނީ މަޝްވަރާކުރަމުން." ޑރ.އަޝްރަފް ވިދާޅުވިއެވެ.

ދަރިމައިވުމުގެ މައްސަލަ ކުރިމަތިވާ އާބާދީ ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ.ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަކީ މިހާރު ރާއްޖެއިން ފަރުވާދެވެން ނެތް ކަމެކެވެ. އަދި ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ އަދަދެއްގެ ދިވެހިން މި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާކަން އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ދަރިމައިވުމުގެ ފަރުވާކަމަށްވާ އައިވީއެފްގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ބައެއް އަމިއްލަ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.