ޚަބަރު

ރާއްޖޭގައި ޒިކާ ވައިރަސް އުޅޭތޯ ބަލަނީ


ޒިކާވައިރަސް، ރާއްޖޭގައި ހުރިތޯ ބެލުމަށް ޓެސްޓް ކުރެއްވުމުގެ ގޮތުން ލޭގެ ސާމްޕަލް ނެންގެވުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ފަށްޓަވައިފިއެވެ. ހެލްތް މިނިސްޓްރީން ވިދާޅުވީ ސާމްޕަލްތައް ނަންގަވަނީ ކަނޑައެޅިފައިވާ ވަކި ސަރަޙައްދުތަކެއްގައި ދިރިއުޅޭ މީހުންގެ ގައިން ކަމަށެވެ.ޒިކާ ވައިރަސްއަށް ޓެސްޓްކުރެއްވުމަށް ސަރުކާރުން ވަނީ އިސް ފެންވަރެއްގައި މަސައްކަތް ފަށްޓަވާފައެވެ. ހެލްތް މިނިސްޓްރީން ވިދާޅުވާ ސާމްޕަލް ނަންގަވަނީ އެމިނިސްޓްރީން އެކުލަވާލައްވާފައިވާ ޕްލޭންގެ ދަށުން ކަނޑައެޅިފައިވާ ވަކި ސަރަޙައްދުތަކެއްގައެވެ. އޭގެތެރޭގައި ހިމެނެނީ އެންމެފަހުން ރާއްޖޭގައި ޑެންގީހުން ޢާންމުވި ދުވަސްކޮޅު އެބަލި އެންމެ ބޮޑަށް ފެތުރުނު ސަރަޙައްދުތަކަށް އިސްކަންދެއްވައިގެނެވެ.މި ސާމްޕަލްތައް ޓެސްޓުކުރެއްވުމަށް ފޮނުއްވުމަށް ހަމަޖެހިފައިވަނީ ތައިލޭންޑަށެވެ. ޑެންގީހުން ފަތުރާ އީޑީސް މަދިރިން ޖެހޭ ޒިކާ ވައިރަހަކީ ޑެންގީއާ ދާދި އެއްކަހަލަ ޢަލާމާތްތަކެއް ހުންނަ ބައްޔެކެވެ. ޒިކާ ވައިރަސް ހުރިކަން ޔަޤީން ކުރެވިފައިވާ ބައެއް ޤައުމުތަކުން މިބަލިޖެހިފައިވާ މާބަނޑު މީހުން ވިހާ ކުދިންގެ ބޯ އާދަޔާ ޚިލާފަށް ކުޑަކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ޑަބްލިއުއެޗްއޯއިން މަޢުލޫމާތު ދީފައިވާތީ ވޭތުވެދިޔަ އަށްއަހަރު ރާއްޖޭގައި ވިހާފައިވާ ކުދިންނަށް މިފަދަ މައްސަލައެއް ދިމާވެފައިވޭތޯ ބައްލަވާފައިވާ ކަމަށާއި، އެހެންނަމަވެސް އެފަދަ ކަމެއް ފާހަގަކުރެއްވިފައި ނުވާކަން ހެލްތް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. |މި ބަލިން ރައްކާތެރިވުމަށް އަދި މިހާތަނަށް އެއްވެސް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. އެހެންކަމުން ހަމަ އެކަނި އެޅެން އަދި އޮތް ފިޔަވަޅަކީ މަދިރިން ރައްކާތެރިވުމެވެ. މިފަދަ ފިޔަވަޅު ތެރޭގައި މަދިރި އުފެދޭފަދަ ގޮތަކަށް ގެއާއި ގޯތި ތެރެއާއި، ރަށުތެރޭގައި ހުންނަ ތަކެތި ނައްތާލުމާއި، ހަށިގަނޑު ފޮރުވިފައި ހުންނަ ފަދަ ހެދުން އެޅުމަށް ސަމާލުވުމަށް ހެލްތްޕްރޮޓެކްޝަން އެޖެންސީން ލަފާދެއްވައެވެ. ރާއްޖޭގައި ޒިކާވައިރަސް ނެތްކަން ޔަޤީންކުރައްވަނީ ރާއްޖޭގައި ހަމަސްދުވަހު މަސައްކަތް ކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފިންލޭންޑް މީހެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާތީއެވެ. އެހެންނަމަވެސް މިހާތަނަށް ބެއްލެވިބެލުމުން ރާއްޖޭގައި ޒިކާ ވައިރަސް ހުރިކަމަށް ބެލިފައެއް ނުވެއެވެ.