ޚަބަރު

"ޑްރީމް ގާލް" ގެ ސީކުއަލް އަންނަ ޖުލައި މަހަށް


މިއަހަރު ބޮޑު އުންމީދެއް ކުރެވޭ އަޔޫޝްމާން ކުރާނާގެ "ޑްރީމް ގާލް" ގެ ސީކުއަލްގެ ޓީޒާ އަކާއެކު އެ ފިލްމު ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.

2019 ވަނަ އަހަރު ދެއްކި ކާމިޔާބު ކޮމެޑީގެ ސީކްއެލް ސިނަމާތަކަށް ދޫކޮށްލަން ނިންމާފައި ވަނީ އަންނަ ޖުލައި 7 ވަނަ ދުވަހަށެވެ. ކުރިން މި ފިލްމު ތާވަލުކޮށްފައި އޮތީ ޖޫން 23 އަށެވެ.

"ޑްރީމް ގާލް 2" ލިޔެ، ޑައިރެކްޓްކުރީ ފުރަތަމަ ބައިވެސް އުފައްދާފައިވާ ރާޖް ޝާންޑަލިއާއެވެ. އެކްތާ ކަޕޫރް ޕްރޮޑިއުސްކުރި "ޑްރީމް ގާލް" ގައި ކިޔައި ދިނީ ވަޒީފާ ހޯދަން އުޅުނު ޒުވާނަކަށް ކޯލު ސެންޓަރެއްގައި އަންހެން އަޑުން ވާހަކަ ދައްކައިގެން އެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހި، އެކަމާ ގުޅިގެން ހިނގާ ހެއްވާ މަޖާ ހާދިސާތަކެވެ.

"ޑްރީމް ގާލް 2" ގެ ޓީޒާ ގެނެސްދީފައި އޮތް ގޮތުން އަޔޫޝްމަން މި ފަހަރު އޭނަގެ "ޕޫޖާ" ގެ ކެރެކްޓަރ އެތައް ގުނައެއް ވަނީ ކުރިއަށް ޖައްސާފައެވެ. އެހެންކަމުން ކުރީގެ ބަޔަށް ވުރެ ސީކްއެލް މަޖާ ވާނެ ކަމަށް ބެލެވެއެވެ.

"ޑްރީމް ގާލް" ގެ ބަތަލާގެ ރޯލު ކުޅުނީ ނުޝްރަތު ބަރޫޗާ ކަމަށް ވިޔަސް، ދެވަނަ ބައިގެ ބަތަލާއަކީ އަނަންޔާ ޕާންޑޭ އެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ފުރަތަމަ ބައިގައި ވެސް ހިމެނުނު އައްނޫ ކަޕޫރާއި، ވިޖޭ ރާޒާއި، އަބީޝެކް ޗެޓަޖީ އާއި މަންޖޯތު ސިންގްގެ އިތުރުން ޕަރޭޝް ރާވަލާއި، އާސްރާނީ އަދި ރާޖްޕަލް ޔާދަވް ހިމެނެއެވެ.