ޚަބަރު

އަމީނީ މަގުގައި ތާރު އަޅާފައިވާ ސަރަހައްދު ހުކުރުދުވަހު ހުޅުވާލުމަށް މަސައްކަތްކުރަނީ


އަމީނީ މަގުގައި ތާރު އަޅާފައިވާ ސަރަޙައްދު އަންނަ ހުކުރު ދުވަހުން ފެށިގެން، ބޭނުންކުރުމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ވިދާޅުވެއްޖެއެވެ.

ޒާމާނީ ފެންވަރަކަށް ތަރައްޤީކުރަމުންދާ އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓްގައި ތާރު އަޅާ ނިމިފައިވާއިރު ކުދިކުދި މަސައްކަތްތައް ފިޔަވާ، ތާރުއެޅުމާއި ގުޅޭ ހުރިހާ މަސައްކަތްތައް ވަނީ ނިމިފައެވެ.

އަމިނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށް ފެށީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުއެވެ. މި ޕްރޮޖެކްޓްގައި މަސައްކަތްތައް ރާވާފައިވަނީީ، މަގުގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު އެކަމުގެ ތަކުލީފު އާއްމުންނަށް ވިހާވެސް ކުޑަވާނެގޮތަށް މަގުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ. އެގޮތުން އަމީނީ މަގު ތަރައްޤީކުރަނީ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

މީގެތެރެއިން ފުރަތަމަ 3 ސެގްމަންޓްގެ މަގުގެ އަޑީގައި ކުރަންޖެހޭ މަސައްކަތްތައް އާރްޑީސީން ފުރިހަމަކޮށް، އެ ސަރަޙައްދުގައި ތާރު އަޅަން ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. އެމްޓީސީސީން ވަނީ މަގުގެ ފަސްގަނޑު އެއްވަރުކޮށް، އޭބީސީ ލޭޔަރ އަދި އެ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ފުރިހަމަކޮށްފައެވެ. މަގުގައި ތާރު އަޅަން ފެށީ، އަންގާރަ ދުވަހުގެ ރޭ 8:00ގައެވެ. ގާތްގަނޑަކަށް 7 ގަޑިއިރުގެ ތެރޭގައި މި ތިން ސެގްމަންޓް ހިމެނޭ ސަރަޙައްދުގައި ވަނީ ތާރު އަޅާ ނިންމާފައެވެ. އަދި މިހާރު ކުރަމުންދަނީ މިކަމާއި ގުޅޭ ކުދިކުދި މަސައްކަތްތަކެވެ.

ރާތު އެޅީ ހެންވޭރުކޮޅުން ފެށިގެން، ސްޓެލްކޯ ކޮށި ނިމޭ ހިސާބަށެވެ. މިއީ 350 މީޓަރުގެ މަގުގެ ސަރަޙައްދެވެ. މި މަސައްކަތުގައި 2511 އަކަމީޓަރުގެ ސަރަޙައްދުގައި ތާރު އަޅާފައިވެއެވެ. ތާރުއެޅުމާއި ގުޅޭގޮތުން އެމްޓީސީސީއާއި ހަވާލުކުރި މަސައްކަތްތައް ހުކުރުދުވަހާއި ހަމައަށް ނިންމާލާނެއެވެ.

މި ޕްރޮޖެކްޓްގެ މައި މަސައްކަތްތައް ކުރަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީންވެެ. އާރްޑީސީން މިހާރު ކުރަމުންދަނީ މަގުގެ 4 ވަނަ ސެގްމަންޓްގެ، މަގުގެ އަޑީގައި ކުރިއަށްގެންދާ މަސައްކަތްތަކެވެ. އެގޮތުން މަގުގައި ހުރި ހޮޅިތަކާއި ކޭބަލް ނެޓްވޯކްތައް ރަނގަޅުކުރުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި އަދި އިމާރާތްކުރާ ސައިޓްތަކުން ފެން ބޭރުކުރުމަށް އަޅާ ޑީވޯޓަރިން ނިޒާމުގެ މަސައްކަތެވެ.

އެ ކުންފުނިން ވިދާޅުވީ މިހާރު މަސައްކަތުގެ ސްޕީޑަށް ބަލާއިރު، ރަމަޟާން މަހުގެ ކުރިން ފުރުޣާން މިސްކިތާއި ހަމައަށް މަހުގެ މަސައްކަތް ނިމޭނެކަމަށެވެ. އެއީ ތާރު އެޅުމުގެ މަސައްކަތްވެސް ހިމެނޭގޮތަށެވެ. އަދި ތާރުގެ މަސައްކަތް ނިމޭވަރަކަށް އެ ސަރަޙައްދުތައް އާއްމުންނަށް ހުޅުވާލާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ސަރުކާރުން އެންމެ ފަހުން އަންދާޒާކުރީ އަމީނީ މަގުގެ މަސައްކަތް ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށްކަމަށެވެ. ނަމަވެސް މިހާރުގެ ސްޕީޑަށް ބަލާ މި މަސައްކަތް އަަންނަ ޖޫން މަހަށް މުޅިން ނިންމާލެވޭނެކަމަށް ސަރުކާރުން ހާމަކުރެއެވެ.