ޚަބަރު

މާފިލާފުށީގެ 50 ޢާއިލާއަކަށް ތުލުސްދޫއިން ބިން ދޫކުރައްވައިފި


ފާދިއްޕޮޅު މާފިލާފުށީގައި ދިރުއުޅުނު ޢާއިލާތަކަށް، އެރަށް ފަޅު ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން ބަދަލުގެ ގޮތުގައި ދެއްވަން ކަނޑައެޅުއްވި ގޯތިތަކުގެ ތެރެއިން ފަންސާސް ގޯތި ކ.ތުލުސްދޫން މިއަދު ދޫކުރައްވައިފިއެވެ. މި  ޢާއިލާތަކަށް ލިބޭ ބިންތައް ކަނޑައެޅުމުގެ ގުރުއަތުލުން މިއަދު ވަނީ ހައުސިން މިނިސްޓްރީން ބާއްވަވާފައެވެ. ހައުސިން މިނިސްޓްރީން ހާމަ ކުރެއްވި ގޮތުގައި މާފިލާފުށީގައި ދިރިއުޅުނު ޢާއިލާތަކުގެ ތެރެއިން އެބަޔަކު ބޭނުންވާ ސަރަޙައްދަކުން ގޯތި ދޫކުރެއްވުމުގެ ކަންތައްތައް މިދިޔަ އަހަރުން ފެށިގެން ގެންދެވީ ކުރައްވަމުންނެވެ. އެގޮތުން މީގެ ކުރިން ވަނީ ހަތް އާއިލާތަކަށް ހުޅުމާލެއިން ފްލެޓް ދެއްވާފައެވެ. އަދި ބައެއް ޢާއިލާތައް ޅ.ނައިފަރާއި، ހިންނަވަރާއި، ނ.މަނަދުއާއި، ހދ.ކުޅުދުއްފުއްޓާއި އަދި ހދ.ހަނިމާދޫންވެސް ވަނީ ގޯތި ނުވަތަ ބިން ކަނޑައެޅިފައިވާ ބަދަލާއެކު ދެއްވާފައެވެ. ޅ.މާފިލާފުއްޓަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން 1989 ވަނަ އަހަރުން ފެށިގެން އާބާދުކުރައްވާފައިވާ ރަށެކެވެ. މާފިލާފުށީގައި ޢާބާދީ އިތުރުވަމުން ނުދިޔުމާއި، ތަރައްޤީގެ ފަހިކަން ފެންނަމުން ނުދިޔުމާއެކު 2010 ވަނަ އަހަރުން ފެށިގެން އެރަށަކީ ފަޅު ރަށެއް ކަމަށް ކަނޑައަޅުއްވާ މީހުން ހުސް ކުރެއްވުމުގެ މަސައްކަތް ވަނީ ކުރިއަށްގެންދަވާފައެވެ. މިހާރު އެރަށް ތަރައްޤީ ކުރައްވަމުންދަނީ އަސްކަރީ ތަމްރީންދޭ މަރުކަޒެއްގެ ގޮތުގައެވެ. ޑިފެންސް މިނިސްޓްރީން ވަނީ ޅ.މަޑިވަރުގައި ހިންގަވަމުން އަންނަ އެމް.އެން.ޑީ.އެފްގެ ނޮދަން ކޮމާންޑް މާފިލާފުއްޓަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހާމަކުރައްވާފައެވެ.