ޚަބަރު

ޑިމާންޑް އޮތް ދާއިރާތަކުން ފުރުސަތު އިތުރުކޮށް ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި


ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުޞަތު އިތުރުކޮށް ސްޓޫޑެންޓް ލޯނުގެ 720 ފުރުޞަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ލޯނަށް އެދި އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 15 އަށް ހުޅުވާލާފައެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ހުށަހަޅާ އެޕްލިކޭޝަން މިނިސްޓްރީން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭނަމަ، އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުޞަތު ދޭގޮތަށް ވަނީ ނިންމާފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައި އެފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލާފައެވެ.

ލޯނަށް ހުޅުވާލުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ޑިމާންޑް އެންމެ ބޮޑު ދާއިރާތަކަށް ޖާގަ އިތުރުކޮށްފައިވާކަމަށެވެ. މިގޮތުން ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ މީހުންނަށް 60 ފުރުސަތު ހުޅުވާލާފައިވާކަމަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރު އެ ދާއިރާއަށް ހުޅުވާލާފައިވަނީ 10 ފުރުސަތުކަމަށެވެ.

ޑިގްރީ ފެންވަރަށް އެމްބީބީއެސް ހެދުމަށް ރާއްޖެއިން ބޭރުން 55 ފުރުސަތު ހުޅުވާލާފައިވާއިރު މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރުން 20 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

"މިއަހަރު ވެސް އަޅުގަނޑުމެން ލޯނު މިދެނީ އަޅުގަނޑުމެން އެކުލަވާލާފައިވާ ޓްރެއިނިން ނީޑް ރިކުއާމެންޓަށް ފެތޭ ގޮތަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ އަދި ގައުމަށް މީހުން ބިނާކުރުމަށް ބޭނުންވާ އެކި ދާއިރާތަކަށް މަގުފަހިކޮށްދިނުމަށް" މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މިފަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލާފައިވަނީ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށެވެ. އަދި ޔުނިވަރސިޓީ، ކޮލެޖާއި ޕޮލިޓެކްނިކްގައި ކިޔަވައިދޭނެ ލެކްޗަރަރއިން ތަމްރީނު ކުރުމަށް ޕީ.އެޗް.ޑީ ލެވަލްއަށްވެސް ފުރުޞަތު ހުޅުވާލާފައިވެއެވެ.

ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެހެންނަމަވެސް ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރަށް ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.

މިއަހަރުގެ ލޯން ސްކީމް އިޢުލާންކޮށްފައިވަނީ ލޯންގެ އެޑްމިނިސްޓްރޭޓިވް ޗާރޖް %1 އަށް ކުޑަކުރުމަށްފަހުއެވެ.
ލޯނަށް އެދި ފޯމް ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.