ޚަބަރު

މުރައިދޫން 41 ބަންޑާރަ ގޯތި ދޫކުރަނީ


ހއ.މުރައިދޫން 41 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާ އިޢުލާންކޮށްފިއެވެ.

މުރައިދޫއިން ދިރިއުޅުމަށްޓަކައި 2500 އަކަ ފޫޓުހެ 41 ގޯތި ދިނުމަށް އެރަށު ކައުންސިލުން ހުޅުވާލާ، އާންމު ކުރި އިއުލާންގައިވަނީ، ބަންޑާރަގޯތި ލިބޭނީ ކަނޑައެޅާ ވަކިޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 41 ފަރާތަށްކަމަށެވެ. މި އުސޫލުގެ ދަށުން ދެމަފިރިންނަށް ދެ ގޯތި ނުލިބޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

ޝަރުތު ހަމަވެގެން ދެމަފިރިންނަށް ގޯތި ލިބިެއްޖެނަމަ، ދެމަފިރިން މަޝްވަރާކޮށްގެން އެކެއްގެ މައްޗަށް އެ ގޯތީގެ ރަޖިސްޓްރީ ބަދަލުކުރާ ގޮތަށްވެސް ކަނޑައެޅިދާނެކަމަށް އުުސޫލުގައިވެއެވެ. މިގޮތުންވެސް ދެމަފިރިންގެ ދެމެދުު މަޝްވަރާ ކުރެވި އެއްބަސް ވުމަކަށް ނުދެވިއްޖެނަމަ ގޯތީގެ ރަޖިސްޓްރީ މަރުހަލާ ކަނޑައަޅާނީ، ދެމަފިރިންގެ ދެމެދުގައި ގުރުއަތުލައިގެންކަމަށް އުސޫލުގައިވެއެވެ. އެގޮތުން ގޯއްޗަށް އެދޭ ފަރާތެއް ނުވަތަ ގޯއްޗަށް އެދޭ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން ގޯއްޗަށް ނުވަތަ ގޯއްޗަކުން ބައެއް އަދި ފްލެޓެއް ނުވަތަ ފްލެޓަކުން ބައެއް ލިބިފައިވާނަމަ އެފަރާތަކަށް ގޯއްޗަކަށް ކުރިމަތި ނުލެވޭނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މުރައިދޫ ކައުންސިލުގެ ރައީސް އަލީ ސިނާނު ވިދާޅުވީ، އެ ރަށުން ގޯތި ދިނުމަށް ނިންމާލާފައިވަނީ، ލޭންޑް ޔޫސް ޕްލޭންގެ ދަށުން ކަނޑައަޅާ ވަކި ސަރަހައްދުތަކަކުންކަމަށެވެ. އަދި އެ ރަށުން އެންމެ ފަހުން ގޯތި ދޫކުރެވިފައިވަނީ 2017 ވަނަ އަހަރުގައިކަމަށާއި އެ އަހަރު ދިރިއުޅުމަށްތަކައި ދޫކުރެވުނީ 30 ގޯތިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މުރައިދޫއިން ދޫކުރާ ބަންޑާރަގޯއްޗަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި، ރާއްޖޭގެ އެއްވެސް ރަށަކުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އިމާރާތަކުން ފްލެޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ ދަށުން އަމިއްލަ ނަމުގައި ފްލެޓެއް / ރޯހައުސް / ހައުސިންގް ޔުނިޓެއް ލިބިފައިވީނަމަވެސް، އެ ގޯތި ނުވަތަ ފްލެޓް އެހެންފަރާތަކަށް ވިއްކާލައިފައިވާތާ 02 އަހަރަށްވުރެން ގިނަ ދުވަސް ވެފައިވާނަމަ ގޯތި ހޯދުމަށް ކުރިމަތިލެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މުރައިދޫއިން ބަންޑާރަ ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތްތަކުން މިމަހުގެ 19އިން ފެށިގެން 16 މާރިޗުގެ ނިޔަލަށް ފޯމް ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.