ދުނިޔޭގެ ވިޔަފާރި

ހަކަތައަށް ކުރާ ޚަރަދު ކުޑަކުރުމަށް ޔޫރަޕުން 800 ބިލިއަން ޔޫރޯގެ ބިލެއް


ހަކަތައަށް ކުރާ ޚަރަދު ކުޑަކުރުމަށް ޔޫރަޕުން 800 ބިލިއަން ޔޫރޯގެ ބިލެއް ހުށަހަޅައިފިއެވެ.

މިއީ ހަކަތައަށް ކުރާ ޚަރަދު ބޮޑުވުމުން ގޭބިސީތަކާއި ކުންފުނިތަކަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިވުމުގެ ގޮތުން ޔޫރަޕްގެ ގައުމުތަކުން ހުށަހެޅި ބިލެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ހޯމަ ދުވަހު ބުނެފިއެވެ.

ސެޕްޓެމްބަރަށް ފަހު ޔޫރަޕް އިއްތިހާދުގެ ގައުމުތަކުން ހަކަތައަށް ކުރާ ޚަރަދަށް 681 ބިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު، އިނގިރޭސިވިލާތުން 103 ބިލިއަން ޔޫރޯ އަދި ނޯވޭއިން 8.1 ބިލިއަން ޔޫރޯ ކަނޑައަޅާފައިވާ ކަމަށް ތިންކް ޓެންކް ބްރޫގަލް އިން ކޮށްފައިވާ ދިރާސާތަކުން ދައްކައެވެ.

ހަކަތައަށް ޚަރަދު ކުރުމަށް ޔޫރަޕުން ޖުމްލަ 792 ބިލިއަން ޔޫރޯ ހުށަހަޅާފައިވާއިރު، ބްރޫގަލްގެ އެންމެ ފަހުން ބުނެފައިވާ ގޮތުގައި ނޮވެމްބަރު މަހު މިއަދަދު ހުރީ 706 ބިލިއަން ޔޫރޯގައެވެ. ޔޫރަޕުން ހަކަތައަށް ބޮޑު ބިލެއް ހުށަހަޅާފައި މިވަނީ ރަޝިއާއިން ޔޫރަޕަށް ހަކަތަ އިތުރުކުރުން މިދިޔަ އަހަރު ހުއްޓާލުމުން، ހަކަތަ ލިބުން މަދުވުމުގެ ސަބަބުން ފިނި މޫސުމުގައި ގައުމުތަކަށް ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމުގެވެސް ގޮތުންނެވެ.

ހަކަތައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ޖަރުމަނުވިލާތުންނެވެ. އެ ގައުމުން ގާތްގަނޑަކަށް 270 ބިލިއަން ޔޫރޯ ވަނީ ހޭދަކޮށްފައެވެ. ޖަރުމަނުވިލާތަށްފަހު ދެން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިނގިރޭސިވިލާތާއި އިޓަލީވިލާތް އަދި ފަރަންސޭސިވިލާތުންނެވެ. މިއިން ކޮންމެ ގައުމަކުން ވެސް ހޭދަކޮށްފައި ވަނީ 150 ބިލިއަން ޔޫރޯއަށް ވުރެ މަދު އަދަދެކެވެ. އީޔޫގެ ގިނަ ގައުމުތަކުން ހޭދަކޮށްފައި ވަނީ އެއަށް ވުރެ މަދު އަދަދެކެވެ.

ހަކަތައިގެ ދަތިކަމަށް ގައުމުތަކުން ކުރާ ޚަރަދާއި އަޅާކިޔެނީ އީޔޫގެ ކޯވިޑް-19 ރިކަވަރީ ފަންޑާއެވެ. އެ ފަންޑުގެ ކެޕިޓަލަކީ 750 ބިލިއަން ޔޫރޯއެވެ.

ހަކަތައަށް ކުރާ ޚަރަދާއި ބެހޭ ރިޕޯޓެއް ނެރެފައިމިވަނީ އެމެރިކާއާއި ޗައިނާގެ ސަބްސިޑީތަކާއި ވާދަކުރުމަށް ޔޫރަޕުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ގްރީން ޓެކްނޮލޮޖީގެ މަޝްރޫއުތަކަށް ދައުލަތުން ދޭ އެހީ އިތުރަށް ލުއިކުރުމަށް އީޔޫގެ ހުށަހެޅުންތަކާއި މެދު ގައުމުތަކުން އަންނަނީ ބަހުސް ކުރަމުންނެވެ.