ދުނިޔެ

އައިއެސްގެ ކިބައިން ލީބިޔާގެ ތެޔޮވަޅުތައް ސަލާމަތްކުރެވޭނީ


އދ. ގެ ބެލުމުގެ ދަށުން ލީބިޔާގައި އެކުލަވާލާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރު ގަބޫލުކޮށް, ލީބިޔާގެ ވާދަވެރި ފަރާތްތަކުން އެ ސަރުކާރަށް އެއްބާރުލުން ދީގެންމެނުވީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ޙަމަލާތަކުން ލީބިޔާގެ ތެލުގެ ސިނާޢަތް ސަލާމަތް ނުކުރެވޭނެކަމަށް އެޤައުމުގެ ތެލާބެހޭ ޤައުމީ ކުންފުނީގެ ވެރިޔާ މުސްތަފާ ސުންޢުއްﷲ ވިދާޅުވެއްޖެއެވެ.ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ސުންޢުﷲ ވިދާޅުވީ އައިއެސްއަށް ނިސްބަތްވާ ކަމަށް ބެލެވޭ ހަތިޔާރުއެޅި ފަރާތްތަކުން ލީބިޔާގެ ތެލުގެ މަރުކަޒުތަކަށް ދަނީ ރޭވުންތެރިގޮތެއްގައި ތަކުރާރުކޮށް ހަމަލާތައްދީ ތެލުގެ އިންފްރާސްޓްރަކްޗަރ ހަލާކު ކުރަމުން ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުވެސް ލީބިޔާގެ ތެލާބެހޭ ބައެއް މަރުކަޒުތަކުގައި އެފަރާތްތަކުން ހުޅުޖަހާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.ލީބިޔާއިން މިހާރު އުފައްދަނީ ދުވާލެއްގެ މައްޗަށް 360,000 ފީފާއާއި 370,000 ފީފާއާ ދެމެދު މިންވަރެއްކަމަށާއި، މިއީ ލީބިޔާގެ ކުރީގެ ޒައީމް މުއައްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުވުމުގެ ކުރިން ލީބިޔާއިން ތެޔޮ އުފެއްދި މިންވަރަށްވުރެ ތިންބައިކުޅަ ދެބައި ކުޑަ މިންވަރެއްކަމަށް، ސުންޢުﷲ ވިދާޅުވިއެވެ.