ޚަބަރު

އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓް ހުކުރަށް ނިންމުމަށްފަހު، މުޅި މަޝްރޫޢު ޖޫންމަހަށް ނިންމާލާނެ


އަމިނީ މަގުގެ ފުރަތަމަ 3 ސެގްމެންޓްގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހަށް ނިންމާލުމަށްފަހު، މުޅި މަޝްރޫޢުގެ މަސައްކަތް ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރުމަހަށް ނިންމާލުމަށް ކުރިން ތާވަލުކުރިނަމަވެސް މިހާރުގެ ސްޕީޑަށް ބަލާއިރު، މި މަސައްކަތް އެއަށްވުރެ ކުރިން ނިމޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

މާލޭގެ އެންމެ މައި ދެ މަގުގެ ތެރޭގައި ހިމޭނޭ އަމީނީ މަގު، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީންނެވެ. އެގޮތުން މިހާރު އެ ކުންފުނިން ކުރަމުން އަންނަނީ މަގުގެ 4ވަނަ ސެގްމަންޓްގެ މަސައްކަތެވެ.

ފުރަތަމަ 3 ސެގްމަންޓްގައި ހިމެނެނީ، ހެންވޭރުކޮޅުން ފަށައިގެން ސްޓެލްކޯއާއި ހަމައަށެވެ. މި ތިން ސެގްމަންޓްގައި ތާރު އެޅުން ފިޔަވާ ހުރިހާ މަސައްކަތްތައް އާރްޑީސީން ފުރިހަމަކޮށްފައިވެއެވެ.

އާރްޑީސީގެ ޗީފް ފައިނޭންސް އޮފިސަރ ޔާސިރު ހަސަން ވިދާޅުވި، ތާރުއެޅުމުގެ މަސައްކަރަށް ފުރަތަމަ 3 ސެގްމަންޓް ހަވާލުކޮށްފައިވަނީ، ތާރު އެޅުން ފިޔަވާ އެހެން ހުރިހާ މަސައްކަތެއް އާރްޑީސީން ނިންމުމަށްފަހުގައިކަމަށެވެ. އަދި މިގޮތަށް އެމްޓީސީސީއާ ތާރުއަޅަން ސަރުކާރުން ހަވާލުކުރީ، މިހާރު ނިމިފައިވާ ސަރަޙައްދުތައް އާއްމުންނަށް ހުޅުވާލުން އަވަސްކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

"މަގުތަކުގެ އަޑީގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުން، ކޮންސްޓްރަކްޝަން ސައިޓްތަކުން ދޫކުރާ ފެން ބޭރުކުރެވޭނެ ނިޒާމު އަދި ފެނާއި ނަރުދަމާ ހޮޅިތަކާއި، އެކިކަންކަމުގައި އެޅިފައި ހުރި ކޭބަލްތައްވެސް ވަކި ހަމަޔަކުން ރަނގަޅުކޮށްފައިވަނީ. ޕޭވްމަންޓްތައްވެސް ހެދާ ނިންމުމަށްފަހު މަގު ހަވާލުކުރީ." ޔާސިރު ވިދާޅުވިއެވެ.

މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށްޓަވައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންއެވެ. ސްޓޭޓް މިނިސްޓްރ ވިދާޅުވީ މަގު ހެދުމުގެ މަސައްކަތްތައް ދުވަހުގެ ހުރިހާ ވަގުތެއްގައި ކުރިއަށްދާކަމަށެވެ. އަދި މިހާރު މަސައްކަތްތައް ކުރިއަށްދާ ސްޕީޑަށް ބާލާއިރު، ކުރިން ލަފާކުރި ސެޕްޓެންބަރުމަހުގެ ބަދަލުގައި ޖޫންމަހާއި ހަމައަށް މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ރޯދަ މަހުގެ ކުރިން، އިމާދުއްދީން ސްކޫލާއި ހަމައަށް ތާރު އަޅައި ނިމޭނެކަމަށެވެ.

އަމީނީ މަގުގައި ތާރުއަޅަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ހުކުރު ދުވަހު އެމްޓީސީސީން މަސައްކަތް ވަނީ ފަށާފައެވެ. ފުރަތަމަ 3 ސެގްމަންޓަކީ 350މީޓަރުގެ މަގުގެ ސަރަޙައްދެވެ. މި މަސައްކަތުގައި 2511އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާނެކަމަށް އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ރަމްޒީ ވިދާޅުވިއެވެ.

"7 ގަޑިއިރުން ތާރު ފަށަލަ އަޅާ އެބަ ނިންމާލެވޭ މި ސަރަޙައްދުގައި. ހުކުރު ދުވަހާއި ހަމައަށް، މަގުގެ ތާރު އެޅުމާއި ގުޅޭ ހުރިހާ މަސައްކަތެއް ނިމޭނެ." ރަމްޒީ ވިދާޅުވިއެވެ.

މުޅި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ، 13 ސެގްމަންޓަކަށް ބަހާލައިގެނެވެ. އާރްޑީސީން މަޢުލޫމާތު ދިން ގޮތުގައި މަގުގެ ބާކީ ސަރަޙައްދުތަކުގައި ތާރު އަޅާނީ އެ ކުންފުނިންނެވެ.